ދިވެހި ސިފައިންގެ ޚިދުމަތް
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ބެލެހެއްޓުމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމާއި ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ހިމާޔަތްކުރުމާއި ދިވެހި ދައުލަތަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމްތް ފޮރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގެ ޒިންމާދާރުފަރާތެވެ. އަދި ގުދުރަތީ ކާރިސާތަކާއި އެނޫނަސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގެ ޞަރަހައްދާއި، ހާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެކެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މިޝަން
ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ދިފާޢުކޮށް، ޙިމާޔަތްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުން
ސިފައިންގެ ތާރީޙް
ތާރީޚުގެ ތެރެއިން ދިވެހިސިފައިން
ދުޝްމިނުންގެ ޙަމަލާތަކުން ރާއްޖެ ދިފާޢު ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް ކުރީއްސުރެވެސް ރާއްޖޭގައި ކުރަމުން ގެނައި ކަމެކެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް އެކަމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ލަޝްކަރެއް ނުވަތަ ފައުޖެއް އޮންނަކަމަށް ވަރަށް ކުރީއްސުރެ ތާރީޚުގައި ލިޔެވިފައިވެއެވެ. ކުރީގެ ދުވަސްވަރު އެއީ މާބޮޑު ލަޝްކަރެއްނޫނެވެ. މިލަޝްކަރަކީ، ވޭތުވެދިޔަ ތާރީޚުގެ ދުވަސްތަކުގައި އެކި ސިފަސިފައިގައި އަދި އެކި ނަންނަމުގައި ތިބި ބައެއްކަމުގައި ވީނަމަވެސް މައިގަނޑު މަޤްޞަދަކީ، އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދުޝްމިނުންގެ ކިބައިން ރާއްޖޭގެ ޤާނޫނާއި ރައްޔިތުން ޙިމާޔަތް ކުރުމެވެ. މިވާޖިބު އަދާކުރުމުގައި ދެމިތިބެ މިއަދާހަމައަށް އައިސްފައިވާއިރު، މި ލަޝްކަރު ތަޢާރަފް ވެފައިވަނީ "ނޭޝަނަލް ސެކިއުރިޓީ ސަރވިސް" (އެން. އެސް. އެސް.) ގެ ނަމުންނެވެ. އޭގެފަހުން 2006 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު (އެމް. އެން. ޑީ. އެފް.) ގެ ނަމުންނެވެ. އާދެ، އެއީ ދިވެހިސިފައިންނެވެ.
ސިފައިންގެ ތާރީޚު ފޮޓޯއިން
ސިފައިން އުފެދުން
"ސިފައިން" މިނަން ދިވެހިބަހަށް އައިސްފައިވަނީ، ހިންދީ ނުވަތަ ފާރިސީ ބަހުގެ" ސިޕާހު ނުވަތަ "ސިޕާހު" މި ދެލަފްޒުންނެވެ. އަދި "ސިޕާ" މިލަފްޒު "ސިފަ" އަށް ބަދަލު ކުރުމާއިއެކެ، މި ލަފްޒުގެ ފަހަތަށް "އިން" އިތުރު ކޮށްގެން ދިވެހިބަހުން އުފައްދާފައިވާ ޚާއްޞަ، ގިނަ ނަމެއްގެ ގޮތުގައި ބޭނުންކުރަނީއެވެ.
އަޅުގަނޑުމެން މިދެކޭ ސިފައިން އުފެދުމުގެ އަޞްލެއްކަމަށް ބެލެވެނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ބަރިކުސަ ލޯކަ މަހާރަދުން (1888މ. އިން 1892މ. އަށް) ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި ދުވަސްވަރު މާލޭގެ ޒުވާން ބޭފުޅުންކޮޅެއް ހެވިކަން ދަސްކުރެއްވުމަށްޓަކައި އާގަނޑުވަރަށް (ފަހުން ރަށްދެބައި ގެއަށް) ވަޑައިގެން އުޅުއްވި އުޅުއްވުމުގައި މިދެންނެވި ޒުވާން ބޭފުޅުންކޮޅުގެ ތެރެއިން އުފެދިގެންއައި "ފައިހަމަކޮށް ހިނގުމުގެ" ފޯރިގަދަ ޙަރަކާތް، ނޫރައްދީން ބަންޑާރައިން ދެކެވަޑައިގަތުމެވެ.
ނަތީޖާއެއްގެ ގޮތުން އެރަދުންގެ ރުއްސެވުމާއި، ގައިކޮޅާވުން އެކުވެގެން އެޒަމާނާ އެކަށޭނަ ގޮތަކަށް އެ ބޭފުޅުންކޮޅަށް ސިފައިންގެ ތަމްރީނުދީ، އެއަހަރުގެ ހިތްޗަށް ވަޑައިގަތުމުގައި "ދެގެދޭތެރޭ މީހުން" ގެ ބަދަލުގައި އެބޭފުޅުން ބޭނުން ކުރެއްވީއެވެ. އާދެ، ތާރީޚީ ގޮތުން ދިވެހިސިފައިން އުފެދުނީއެވެ. މީގެ ކުރިން ބޭރުމީހުންގެ ކިބައިން ރާއްޖެ ދިފާޢުކުރުމާއި އަމަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދިޔައީ ހަވަރުގެ މައްޗަށް ބެހިފައިވާ ޢަސްކަރުގެ ފަރާތުންނެވެ.
ދިވެހިސިފައިން މިޒަމާނުގެ އުޞޫލުން އުފެދުނު ތާރީޚުކަމަށް ގިނަ ލިޔުންތަކުން ދައްކަނީ ހިޖުރައިން 1309 (1892 މ.) ވަނަ އަހަރު ކަމުގައެވެ. އެ އަހަރުން ފެށިގެން ދެގެދޭތެރޭ މީހުންގެ އިތުރުން ސިފައިންނަށްވެސް ބަޑި ގެންގުޅުމުގެ ހުއްދަ ދެވުނެވެ. ތާރީޚީ ލިޔުންތަކުގެ މައްޗަށް ބުރަވެ ދިވެހިސިފައިން އުފެދުނު ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތާރީޚަކީ 21 އޭޕްރިލް 1892 އެވެ.
މިޒަމާނުގެ އުޞޫލުން ސިފައިން އުފެދުނުއިރު މުޅިއެކު ތިބީ 8 މީހުންނެވެ. އެ މީހުންނަކީ:
މި މީހުންގެ ކޮމާންޑަރަކީ، އަލްފާޟިލް ހޮޅުދޫ ނެވިގޭ އިސްމާޢީލް ދީދީއެވެ. އޭނާ ދިވެހިސިފައިންނަށް ކޮމާންޑު ކުރައްވާފައިވަނީ، ދިވެހީންގެ އަމިއްލަ ބަސް ކަމުގައިވާ ދިވެހިބަހުންނެވެ.
ނޫރައްދީން ރަދުން އަވަހާރަ ވުމަށްފަހު ސިފައިންގެ ތެރެއަށް 4 މީހުން އިތުރުވެ ސިފައިންގެ ޢަދަދު 12 އަށް ބަދަލުވީއެވެ. އެއީ 1892މ. ގައެވެ.
އެނގޭގޮތުގައި އެދުވަސްވަރު ސިފައިންގެ އާދައިގެ މީހެއްގެ މުސާރައަކީ މީހަކަށް -/7ރ. (ހަތް ރުފިޔާ) އެވެ. އޭގެ އިތުރުން ބަނޑު ހަނޑުލާއި، ޢީދު ބޯފޮޅި ޞަލަވާތް ޚަރަދާއި، އަހަރަކު 4 ހެދުން ދިނެވެ. ތާރީޚުން އެނގޭގޮތުގައި ސިފައިންނަށް އިނގިރޭސިބަހުން އެންމެ ފުރަތަމަ ކޮމާންޑްކުރެއްވީ އަންނަބީލް އަތިރީގޭ ޢަބްދުﷲ ދީދީއެވެ.