މެރިން ކޯރ ތަޢާރަފް
ދިވެހިރާއްޖޭގެ މެރިން ކޯރ އަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ތެރޭގައި އުފެދިފައިވާ މައިގަނޑު ދެބާރުގެ ތެރެއިން އެއްބާރެވެ. އެއީ އެމް.އެން.ޑީ.އެފްގެ އެއްގަމު ނުވަތަ "ލޭންޑް" ފޯސްއެވެ. މެރިންކޯރ އުފެދިފައިވަނީ ލާމަރުކަޒީ އުސޫލުން ދިވެހި ޤައުމު ހިންގުމަށްޓަކައި، ރާއްޖޭގެ އަތޮޅުތައް ޕްރޮވިންސްތަކަކަށް ބައްސަވައި، ވެރިކަމުގެ ނިޒާމް ބައްޓަން ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފެއްޓުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިގަނޑު މަސްއޫލިއްޔަތުގެ ޙަރަކާތްތަކުގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައްވެސް ފުރަމާލެއަށް ތޮއްޖެހިފައި އޮތްއޮތުން ބަދަލުކޮށް، ރައްޔިތުންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭކަމާއިއެކު އަވަސް ފުރުޞަތެއްގައި ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ފޯރުކޮށްދީ އެމް.އެން.ޑީ.އެފްގެ "ރީޗް" ނުވަތަ "ފޯސް ޕްރޮޖެކްޝަން" އިތުރުކުރުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ވަގުތުން އެސަރަޙައްދަކުން ޙަރަކާތްތެރިވުމަށާއި، ދިވެހިޤައުމަށް ކުރިމަތިވާ ޤުދުރަތީ ކާރިޘާތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިންސާނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމަށްޓަކައެވެ.
މެރިން ކޯރގެ އޮޕަރޭޝަނަލް އެންމެހައި ކަންތައްތައް ބިނާވެފައިވަނީ އެމްފިބިއަސް ވޯރ ފެއަރގެ ތިއަރީސްތަކާއި ޕްރެކްޓިސްތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އެއްގަމު ސިފައިންނަކީވެސް ކަނޑުމައްޗަށްވެސް ފަރިތަ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ހިންގޭ އޮޕަރޭޝަންތަކުގައި ޤާބިލްކަމާއެކު ޙަރަކާތްތެރިވެވޭ ބަޔަކަށް ވާންޖެހެއެވެ. ޚާއްޞަގޮތެއްގައި ރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް ވަށައިގެން ކަނޑު އެކުލެވިގެންވާ ޤައުމަކަށްވާހިނދު، މިފޯސްއަށްދެވޭ ތަމްރީންތަކާއި، ސޯލްޖަރިން ސްކިލްސް ބައްޓަން ކުރަންވާނީ އެމްފިބިއަސް އޮޕަރޭޝަންސްތަކުގައި ޙަރަކާތްތެރިވެވޭ މައިގަނޑު ގޮތެއްގައި ރަށްތަކަށް ކަނޑުމަތިން އަރާ ބައެއްގެ ގޮތުގައެވެ. އަދި ހަމައެއާއެކު ޙަވާލުކުރެވޭ މިޝަންތައް އެފަދަ މާޙައުލެއްގައި ފުރިހަމައަށް އަދާކުރެވޭ ބައެއްގެ ގޮތުގައެވެ. މިފަދަ މިޝަންތަކުގައި ހަރަކާތްތެރިވުމަށް ޢާއްމުގޮތެއްގައި ފޯސް ޕްރޮޖެކްޓް ކުރެވޭނީ ކޯސްޓްގާޑްގެ އެހީގައި ޖޮއިންޓް ޔުނިފައިޑް ކޮންސެޕްޓެއްގެ ތެރެއިންނެވެ