އެމް.އެން.ޑީ.އެފް ކޯސްޓްގާޑް
ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ 90 އިންސައްތައަކީ ކަނޑުގެ ސަރަހައްދެވެ. ބާކީ 10 އިންސައްތައަކީ ބިމުގެ ސަރަހައްދެވެ. އެހެންކަމުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއްދޭންޖެހިފައިވެއެވެ. މިގޮތުން ކޯސްޓްގާޑްގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑުމަތީގައި ހިނގާ ހާދިސާތުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ ކަންތައްތައް ހުއްޓުވުމާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ސިޔާސީ ސަރަހައްދާއި އިޤްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ގޮނޑުދޮއްތަކާއި އެގޮނޑުތަކާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދުތައް ތަގައްޔަރު ވެދާނެ ކަންތައްތައް ހުއްޓުވުން ހިމެނެއެވެ.
ކޯސްޓްގާޑްގެ ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަވަސްކަމާއެކު ފޯރުކޮށްދިނުމަށް، އެމް.އެން.ޑީ.އެފް އޭރިއާ ކޮމާންޑުތަކުގައި ވަނީ ކޯސްގާޑްގެ ސްކޯޑްރަމްތައް އުފައްދާފައެވެ. މިގޮތުން އެސަރަހައްދެއްގައި ދިމާވާ ކަނޑުމަތީގެ އެކިއެކިކަންތައްތަކުގައި ހަރަކާތްތެރިވާނީ އެސަރަހައްދެއްގެ ސްކޯޑްރަމުންނެވެ.
ތާރީޙްގެ ތެރެއިން ކޯސްޓްގާޑް
ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަރަހައްދަށް އުރެމުންދިޔަ ބޯޓްފަހަރު ފުންކުރުމުގެ މަސައްކަތް އާމުންނާއި ގުޅިގެން ސިފައިން ކުރަމުންދިޔައެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދަށް ބޭރުގެ ބޯޓްފަހަރު ވަދެ ވަގަށް މަސްހިފައި އުޅެމުންދިޔައީ ދިވެހިންނަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށް ވާތީ 1970 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ޕެޓްރޯލްކުރުމަށްވަނީ ފައްޓާފައެވެ. މިގޮތުން އޭރު މަސައްކަތްކުރަމުން އައީ އިސްދޫމުއްޔާ، ތިންގަނޑުވިނައާއި މޯލްޑިވްސްޓަރއާއި ސިފައިންގެ 6 ނަންބަރު މަސްބޯޓުގައި މެޝިން ބަޑިއާއިއެކުގައެވެ. މިބޯޓްތަކުގެ އިތުރުން ކޮލިގެ މެކާނޯ ބޯޓާއި ގިއަރު 2 ގެ ސީހޯކް ބޯޓާއި އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.
ކޯސްޓްގާޑްގެ ޚިދުމަތް ލޯންޗް ސެކްޝަންގެ ނަމުގައި ދޭން ފައްޓާފައިވަނީ 01 ޖެނުއަރީ 1980 ގައެވެ. އޭރު ކޯސްޓްގާޑްގައި ބޭނުންކުރަމުންއައީ 6.95 މީޓަރުގެ، އައުޓްބޯޓް އިންޖީން އެޅި ތިން ލޯންޗެވެ. މިޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން އައިސް ކޯސްޓްގާޑް އުފެދިފައިވަނީ 01 ޖެނުއަރީ 1994 ގައެވެ
.