ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔާފާރި ކުރަމުންދާ ކުންފުންޏެއްކަމުގައިވާ ސިމްޑީ ކުންފުނީގެ ފަރާތުން ސިފައިންނަށް ޕްރިވިލޭޖް ކާޑެއް ތަޢާރަފްކޮށްފިއެވެ.
މިޕްރިވިލޭޖް ކާޑު ތަޢާރަފްކޮށްފައިވަނީ މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައެވެ. މިރޭ ސިފައިންނަށް ތަޢާރަފްކުރި މިކާޑުގެ ޒަރީއްޔާއިން އެކުންފުނީގެ އައުޓްލެޓްތަކުން ސިފައިންނަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މިގޮތުން ސިމްޑީ ކުންފުނީގެ އައުޓްލެޓްތައްކަމަށްވާ ރިސޯޓް ސަޕްލައިސް (ރިސޫ)، އައިއެމްއެމް ސްޓޯރ، ސިމްޑީ އޮފީސް އޮޓޮމޭޝަން (އެސްއޯއޭ)، އައްޑޫގައި ބިނާކޮށްފައިވާ މަލްޓި ސްޕެޝަލިޓީ ޞިއްޙީ ފަރުވާދޭ މަރުކަޒު (އައިއެމްޑީސީ)، ސްޕީޑް ޓްރެކް އަދި ސްމާޓް ޑިޒައިންފަދަ އައުޓްލެޓްތަކުން މިކާޑުގެ ޒަރީއްޔާއިން ސިފައިންނަށް 5 ޕަސެންޓް ޑިސްކައުންޓް ލިބޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އަލްފާޟިލް ޔޫސައު ސަޢީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެކުންފުނީގެ ފަރާތުން ތަޢާރަފްކުރި މިކާޑްގެ ޚިދުމަތް ދެއްވި ފުރަތަމަ ބަޔަކީ އެމްއެންޑީއެފްކަމަށާއި، އެކުންފުނީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންނަށްވެސް މިކާޑް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ސިފްކޯގެ މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަން ލެފްޓިނެންޓް ކާނަލް ޢަބްދުލް މަތީން އަހުމަދެވެ. ލެފްޓިނެންޓް ކާނަލް މަތީންގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަސްކަރީ ދާއިރާތަކަށް އެޤައުމެއްގެ ވިޔަފާރި ކުންފުނިތަކުންނާއި، އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން މިފަދަ އިނާޔަތްތަކާއި، ޓެކްސް ފްރީ އިނާޔަތްތައް ލިއްބައިދޭކަމަށް ވިދާޅުވިއެވެ. އެއީ ކޮންމެ ޤައުމެއްގައިވެސް އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިންނަކީ އެމީހުންނާއި ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އެމީހުންގެ އަމިއްލަ ކަންކަމަށްވުރެ ޤައުމާ ރައްޔިތުންނަށް ދިމާވާ ކަންކަމަށް އިސްކޮށް، އެފަދަ ކަންކަމަކީ މުހިންމުކަމެއްކަމުގައި ދެކިގެން ސިފައިން ޚިދުމަތްދޭތީކަމަށާއި، އެޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ޤައުމުތަކުގައި ވިޔަފާރި ކުންފުނިތަކުން ކުރަމުން އަންނަ ކަމެއްކަމަށްވެސް ލެފްޓިނެންޓް ކާނަލް މަތީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ސިމްޑީ ކުންފުނީގެ ފަރާތުން ރަމްޒީ ކާޑަކާއި، އެކުންފުނީގެ ފަރާތުން ސިފައިންނަށް ބެހުމަށް ދީފައިވާ ޕްރިވިލޭޖް ކާޑުތައް ހަވާލުކުރުން އޮތެވެ. ރަމްޒީ ކާޑާއި އެމްއެންޑީއެފްއިން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. އެމްއެންޑީއެފްއާ މިރަމްޒީ ކާޑު ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާއެވެ. އަދި ސިފައިންނަށް ބެހުމަށްޓަކައި ހަވާލުކުރެވުނު ކާޑުތަކާއި އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް ފަރުޙަތު ޝަހީރެވެ. ސިމްޑީގެ ފަރާތުން މިކާޑުތައް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ޔާސިރުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އަމީން ފައިޞަލްއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީޖަލީލްއާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް ފަރުޚަތު ޝަހީރުއާއި، ސިމްޑީ ކުންފުނީގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް މުޙައްމަދުދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސިމްޑީ ކުންފުނީގެ އިސްވެރިންގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، އޮފިސަރުން އަދި އެކިރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.