ސިފައިންގެ އަހަރީ ބަޑި މުބާރާތް 2010 ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި
2010-03-13
"އަލްމަރުހޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ ބަޑި މުބާރާތް 2010" ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ބަޑި މުބާރާތުގެ ތާރީޚަށް ބަލާއިރު ފެށުނީންސުރެ ސިފައިން ބަޑިޖަހަމުން އައިސްފައިވީނަމަވެސް އޭރު އޮންނަނީ ބަޑިޖެހުމުގެ ކަންތައްތައް މިހާ އިންތިޒާމްވެރި ގޮތަކަށް ނޫންކަމަށެވެ. ކުރިއާއި ޚިލާފަށް މިހާރު އަމާޒަށް ބަޑިޖެހުމަކީ ކިހާ މުހިންމު ކަމެއްކަން ސިފައިންނަށް އެނގި، ހޭދަކުރެވޭ ވަޒަނުގެ އަގު އެނގި، މިކުރެވޭ މަސައްކަތުގެ ނަތީޖާ ޙާޞިލްކުރުމަށް ޓަކައި މަސައްކަތްކުރާ ތަން މިހާރު ފެނިގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަޑިޖެހުމުގެ ފެންވަރު ވަރަށްމަތީ ފެންވަރަކަށް ޙާޞިލްކޮށްފައިތިބި ސިފައިން މިހާރު އެމްއެންޑީއެފްގައި އެބަތިބިކަމަށާއި، މީގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ފިރިހެން އަދި އަންހެން ސިފައިން ބަޑިޖަހައިގެން ރާއްޖެއަށް ރަނގަޅު ވަނަތައް ޙާޞިލްކޮށްދީފައި އެބަހުރިކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގިނަ އަދަދެއްގެ ސިފައިން މިފަދަ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށް ގިނަ ވަނަތަކެއް ރާއްޖެއަށް ހޯދައިދިނުންކަމަށްވެސް ވިދާޅުވިއެވެ.
ސިފައިންގެ ބަޑި މުބާރާތް ނިސްބަތްވާ އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަޔާތްޕުޅާ ބެހޭގޮތުން އަލިއަޅުއްވާލައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ، ސިޔާސީ ކަންތައްތަކާއި ދުރުހެލިވުމުގެ ހިކުމަތެއް ގެންގުޅުއްވާ ބޭފުޅެއްކަމުގައެވެ. މިގޮތުން ޢުމަރުމަނިކުގެ ވިސްނުންފުޅުގެ ހިކުމަތްތެރިކަމާއި ދޭތެރޭ ފިކުރުކޮށްފިނަމަ ސިޔާސީ ކަންތައްތަކުން ސިފައިން ދުރުހެލިވުމަށް ވަރަށް ފަސޭހަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރެވެމުންދާ ސިފައިންގެ ބިލާބެހޭ ބަހުސްއާއި ބެހޭގޮތުންވެސް ޗީފް އޮފް ޑިފެންސް ފޯސް އަލިއަޅުވާލެއްވިއެވެ. މިގޮތުން ވިދާޅުވީ މިހާރުގެ އިޝޫ، ޕޮލިޓިކަލް ސިޓުއޭޝަނަށް ބަލާއިރުގާ ސިފައިންވަނީ، ސިފައިން ބޭނުންވާގޮތް ހާމަކޮށްފައިކަމަށާއި، ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒް ވައްދަން ބޭނުންފުޅު ނުވާކަމަށެވެ. އަދި ސިފައިންގެ ސަފުތައް ބަދަހިގޮތެއްގައި ތިބެވޭނީ ހުރިހާ ސިފައިންގެ ހިޔާލާތު އެއްގޮތަކަށް ވިސްނައިގެން، އެއްގޮތަކަށް ތިބެގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން މިމަހުގެ 27 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ތިން ގިންތިއަކުން ބަޑި ޖަހާނެއެވެ. އެއީ ސަޕޯޓް ސާރވިސް ޔުނިޓްތަކާއި، ކޮމްބެޓް ޔުނިޓްތަކުގެ ފިރިހެން ސިފައިންގެ މެދުގައި އޮންނަ ދެ ގިންތިއާއި، އަންހެން ސިފައިންނަށް ވަކިން ބާއްވާ ގިންތީންނެވެ. މިމުބާރާތުގައި އިންޑިވިޖުއަލް އިވެންޓުން 850 އަށްވުރެ ގިނަ ސިފައިން ބައިވެރިވެފައިވާއިރު، ޓީމް އިވެންޓުން 23 ޔުނިޓަކުން ބަޑި ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި މުޅި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ބަޑިޖެހުންތެރިޔާ ހޮވާނެއެވެ. އަދި ގިންތި 1 އަދި ގިންތި 2 ގެ އެންމެ މޮޅު ފިރިހެން ބަޑިޖެހުންތެރިޔާއާއި، ގިންތި ތިނެއްގެ އެންމެ މޮޅު އަންހެން ބަޑިޖެހުންތެރިޔާ ހޮވާނެއެވެ. މީގެ އިތުރުން މިއިން ކޮންމެ ގިންތިއަކުން ދެވަނަ އަދި ތިންވަނަ ބަޑިޖެހުންތެރިޔާއާއި، މުޅި މުބާރާތުގެ އެންމެ މޮޅު 10 ބަޑިޖެހުންތެރިންވެސް ހޮވާނެއެވެ. މިމުބާރާތް ކުރިއަށްދާނީ ގިރިފުށީގައެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މުޅި އެމްއެންޑީއެފް އަށް ހުޅުވާލައިގެން އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވަމުންގެންދާ މުބާރާތެކެވެ. މިމުބާރާތަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ ސިފައިންގެ ބަޑިޖެހުމުގެ ހުނަރު ދެނެގަތުމާއި، ސިފައިންގެ ތެރެއިން އެންމެ ހުނަރުވެރި ބަޑިޖެހުންތެރިޔާ އާއި އެންމެ ހުނަރުވެރި ޔުނިޓް ހޮވުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. އަދި މިމުބާރާތުގެ އެންމެބޮޑު އެއް ބޭނުމަކީ ސިފައިންގެ މީހުންނަކީ އަމާޒަށް ބަޑިޖެހުމުގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރާ ބައެއްކަމުގައި ހެދުމެވެ.
ސިފައިންގެ ބަޑި މުބާރާތަށް "އަލްމަރުޚޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ އަހަރީ ބަޑި މުބާރާތް" މިނަން ދެވިފައިވަނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް މިމުބާރާތަކީ 1958 ވަނަ އަހަރުގެ ކުރިންވެސް ބާއްވަމުން އަންނަ މުބާރާތެއް ކަމުގައިވެއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް