ސިފައިންގެ ސަފުތައް ހާވިޔާވާނެ ނުވަތަ ރޫޅިގެންދާނެ އެއްވެސް ގޮތެއް ހެއްދެވޭކަށް ނޯންނާނެކަމުގައި ސިފައިންގެ އެންމެމަތީ ވެރިޔާ އަދި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ
2010-03-12
ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެމަތީ ވެރިޔާ ކަމަށް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވުމާއެކު، ސިފައިންގެ ސަފުތައް ހާވިޔާވާނެ ނުވަތަ ރޫޅިގެންދާނެ އެއްވެސް ގޮތެއް ހެއްދެވޭކަށް ނޯންނާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫރަޕަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން، ޖަރުމަނުވިލާތުގެ ބަރލިންގައި ހުންނަވައިގެން މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސިފައިންގެ އެންމެމަތީ ވެރިޔާގެ ގޮތުގައި ހަރުދަނާކަމާ އެކީގައި ހުންނަވައި، އެމަގާމު ދިފާޢު ކުރެއްވުމަށް ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމުގައި ވިދާޅުވިއެވެ. ސިފައިންގެ ބިލްގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް، އެއިރަކަށް ކުރައްވަންޖެހޭ މިންވަރަކަށް ކުރައްވަމުން ގެންދަވާނެ ކަމަށާއި، އެކަމުގެ ތެރެއަށް އެއްވެސް ފަރާތަކަށް އިރާދަކުރެއްވިއްޔާ ގާތްވިޔަ ނުދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިމިވާ ބިލްގައި ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ސިފައިންގެ އިސްމަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށް ކަމުގައި ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސަލާމަތަށާއި، ތަރައްޤީއަށާއި، ހަމަޖެހުމަށްވެސް ވަރަށްބޮޑު ހުރަހަކަށްވެގެން ހިނގައިދާނެ ކަމެއް ކަމަށާއި، ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަޤީންކަން ނެތް ގޮތަކަށް ގެންދެވެން ނޯންނާނެ ކަމުގައި މިއަދުގެ ހަފުތާ ރޭޑިއޯ ޚިޠާބުގައި ސިފައިންގެ އެންމެމަތީ ވެރިޔާ ވިދާޅުވިއެވެ.

ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް