ހުޅުމާލޭ ފެހިކުރުމުގެ މަސްރޫޢުއަށް އެހީތެރިވުމުގެގޮތުން އެމްއެންޑީއެފްއިން ރުއްތަކެއް ހަދިޔާކޮށްފި
2010-03-11
ހުޅުމާލޭ ފެހިކުރުމުގެ މަސްރޫޢުއަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ހުޅުމާލެއަށް ކުދި ރުއްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. ދިވެހި ސިފައިން ހަދިޔާކުރި މިރުއްތަކާއި ހަވާލުވެލެއްވީ ހުޅުމާލޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

މިގޮތުން 146 ރުއް އެކޯޕަރޭޝަނާއި އެމްއެންޑީއެފް އިންވަނީ ހަވާލުކޮށްފައެވެ. އެޗްޑީސީން މިރުއްތަކާއި ހަވާލުވެލެއްވީ އެކޯޕަރޭޝަންގެ ދެ ބޭފުޅުއްކަމުގައިވާ އަލްފާޟިލް މުޙައްމަދު އަޙުމަދާއި، އަލްފާޟިލް އިބްރާހިމް ޢަބްދުﷲ އެވެ. ދިވެހި ސިފައިންގެ ފަރާތުން މިރުއްތައް އެފަރާތާއި ހަވާލުކުރެއްވީ ކުޑަކުދިންގެ ބަގީޗާގެ މަސައްކަތްތަކާއި ހަވާލުވެހުންނެވި އިސް އެންސީއޯކަމުގައިވާ ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީއެވެ. ކުޑަކުދިންގެ ބަގީޗާގައި ހައްދާފައިވާ ރުއްތަކުގެ ތެރެއިން މިއަދު ހަދިޔާކުރި ކުދި ރުއްތަކަކީ ބަގީޗާގައި ހުރި ބޮޑެތި ރުއްތަކުން ވެއްޓިފައިވާ ކާށިން ފަޅާފައިވާ ރުއްތަކެއްކަމަށް ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީ މަޢުލޫމާތު ދެއްވިއެވެ.
ކުޑަކުދިންގެ ބަގީޗާ ފެހި ތަނެއްގެ ގޮތުގައި ބޭއްވުމަށާއި، އެމާހައުލަކީ ކުޑަކުދިންނާއި އެކުވެރި މާހައުލަކަށް ހެދުމުގެ ގޮތުން ދިވެހި ސިފައިންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުޑަކުދިންގެ ބަގީޗާގައި ގަސްއިންދުމުގެ ޕްރޮގްރާމަކީ ދޭތެރެދޭތެރެއިން މިހާރުވެސް ސިފައިން ކުރަމުންދާ މަސައްކަތެކެވެ. މީގެ ކުރިންވެސް ކުޑަކުދިންގެ ބަގީޗާއިން މާލެއާއި މާލެކައިރި ރަށްރަށް ފެހިކުރުމަށް އެހީތެރިވެފައިވާކަން ފާހަގަކުރެވެއެވެ.

ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް