ކޯސްޓްގާޑުގެ 10 ވަނަ ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
2010-03-09
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިންނަށް ހިންގި 10 ވަނަ ކޯސްޓްގާޑު ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މިރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންގެ ހެވިކަން ދައްކާލާފައިވެއެވެ. އަދި ދަސްވެނިންނަށް ކޯސްޓްގާޑުގެ ބެޖު ހަވާލުކޮށްދިނުމާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ޙަވާލުކޮށްދިނުން އޮތެވެ. ތިން މަސްދުވަހުގެ މުއްދަތަށް ހިންގި މިކޯހުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ޝަހުމް (ސނ:6605) އެވެ. ސްޓާރ ބޯޑް ޕްލެޓޫންގެ އެންމެ ރަނގަޅު ދަރިވަރަކަށް ޕްރައިވެޓް އިބްރާހީމް ޙާނީ އަޙުމަދު (ސނ:6703) ހޮވުނުއިރު، ޕޯޓް ޕްލެޓޫންގެ އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ޔާމީން (ސނ:6626) އެވެ. ކިޔަވައިދެވުނު މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙުމަދު ރިފްޝާން މުޙައްމަދު (ސނ: 6675) އެވެ. ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެޙުމާނެވެ.
2009 ޑިސެމްބަރ 10 އިން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މިކޯހުގައި 56 ދަރިވަރުން ބައިވެރިވެ ފާސްވެފައިވެއެވެ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައާއި މާލޭގައި ހިންގި މިކޯހުގައި ކިޔަވައިދެވުނު މާއްދާތަކުގެ ތެރޭގައި ހަށިހެޔޮކަމާއި، ނިޔަމިކަމާއި، ފަސްޓްއެއިޑް، ނޭވަލް ކޮމިޔުނިކޭޝަން، ކަނޑުގެ ޤާނޫނު، ސިފައިންގެ ޤާނޫނާއި ޤަވާއިދުތައް ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޖިއޮގްރަފީ، މީޓިއޮރޮލޮޖީ، ޗާޓްވޯކް، ސީމަންޝިޕް، ބޯޑިން، ފަޔަރ ފައިޓިންގ، ސާޗް އެންޑް ރެސްކިޔު، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި އިލެކްޓްރިކަލް އިންޖިނިއަރިން އަސާސީ ފެންވަރަށް ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން ދީނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ބައެއް ސީނިއަރ ބޭފުޅުންގެ ލެކްޗަރތަކާއި، ސަވައިވަރ ޓެކްނިކްސް އަދި ކޯސްޓްގާޑު ސަބް ޔުނިޓްތަކުގެ ތަޢާރަފް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
މިކޯސް ނިންމުމުގެ ގޮތުން ރޭ ބޭއްވެވި މިރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ޑައިރެކްޓަރ މޭޖަރ މުޙައްމަދު އިބްރާހިމްއާއި، ސިފައިންގެ އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ސިފައިންގެ އިތުރުން ކޯހުގެ ދަރިވަރުންގެ އާއިލާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް