އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.އާރަށުގައި އަންހެން ސިފައިން ހިންގި ހަރަކާތްތައް ނިމިއްޖެ
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.އާރަށުގައި އަންހެން ސިފައިން ހިންގި ހަރަކާތްތައް ނިމިއްޖެއެވެ.
އިއްޔެ ކ.އާރަށުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި މިހަރަކާތްތައް ފެށިގެން ދިޔައީ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ އަލްފާޟިލާ މާރިއާ ޢަލީއެވެ. މިރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ސިފައިންނަކީ އާންމުގޮތެއްގައި ފިރެހެނުން ޝާމިލްވެއުޅޭ ޚިދުމަތެއްނަމަވެސް ތާރީޚްތަކަށް ބަލާއިރު އަންހެން ސޯލްޖަރުންވެސް މިޚިދުމަތުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރެވޭކަމުގައި ވިދާޅުވިއެވެ. މިގޮތުން ދުނިޔޭގެ ބައެއް ހަނގުރާމަތަކުގައާއި، ހަމަނުޖެހުންތަކުގައި އަންހެން ސިފައިންގެ ރޯލް ވަރަށް މަތީ ދަރަޖައަކަށް ފެނިގެންގޮސްފައިވާކަން ތާރީޚްތަކުންނާއި ދިރާސާތަކުގެ އަލީގައި ފެންނަން އެބަހުރިކަމަށް ވިދާޅުވިއެވެ. މިފަދަ ބައެއް ހާދިސާތަކަށް އަލިއަޅުއްވާލަމުން އެކަމަނާ ވިދާޅުވީ މިކަންކަމުން އަޅުގަނޑުމެންނަށް ދަސްވެގެންދިޔައީ ފިރެހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް މަސައްކަތްކުރެވިދާނެކަމާ، ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ތަރައްޤީގެ އަލީގައި ހަނގުރާމަތަކުގައިވެސް އަންހެނުންނަށް ހަރަކާތްތެރިވެވިދާނެކަމެވެ.
އަންހެން ސިފައިން އިއްޔެ ހިންގި ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ޢިލްމީ ބޭފުޅުން ވަނީ ތަޤްރީރު ކުރައްވާފައެވެ. މިގޮތުން ހުރިހާ ޖިންސަކަށްވެސް ހަމަހަމަ ޙައްޤުތަކާއި ހަމަހަމަ ފުރުޞަތުތަކާއި ބެހޭގޮތުން އޭޖީ އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ އައިމިނަތު އީނާސްވަނީ ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ހިމެނޭ ލެކްޗަރއެއް އަންހެން ސިފައިންނަށް ދެއްވާފައެވެ. އެކަމަނާގެ ލެކްޗަރގައި އަންހެނުންގެ ދުވަހެއް ފާހަގަކުރަންޖެހޭ ސަބަބުތަކާއި، މުޖުތަމަޢުގައި އަންހެނުންގެ ދައުރާއި، އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ޤައުމު އާރާސްތުކުރުމުގައި އަންހެނުންގެ ރޯލާއި ބެހޭގޮތުން ލެކްޗަރ ދެއްވީ އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީއެވެ. އެކަމަނާގެ ވާހަކަފުޅުގައި މުޖުތަމަޢުގައި އަންހެނުންގެ ދައުރަކީ ވަރަށް ބޮޑު، ވަރަށް މުހިންމު ރޯލެއްކަމަށާއި، އެންމެ ފުރަތަމަ ތުއްތު ދަރިފުޅު އަށަގަންނަނީވެސް އަންހެނާގެ ބަނޑުންކަމަށް ވިދާޅުވިއެވެ. އަދި މިމަސްޢޫލިއްޔަތަކީ ޤުދުރަތުން އަންހެނާއަށް ހަވާލުވެފައިވާ ވަރަށް ބުރަ ޒިންމާއެއް ކަމަށާއި، ކުޑަކުއްޖާ އެންމެ ތުއްތުއިރުން ފެށިގެން އެކުއްޖާ ބޮޑު މީހަކަށްވުމާއި ހަމައަށް އުފުލަންޖެހޭ ހުރިހާ ޒިންމާއަކާއި މަސްޢޫލިއްޔަތެއް ބިނާވެފައި އޮންނަނީ އާއިލާއަށް ނުވަތަ އަންހެނާގެ މައްޗަށްކަމަށް ވިދާޅުވިއެވެ. މީގެ ތެރެއިން ރާއްޖޭގައާއި ދުނިޔޭގެ ބައެއް ތާރިޚްތަކަށް އަލިއަޅުއްވާލައްވާ އަންހެނުންގެ ދައުރާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅަށްފަހު އަންހެން ސިފައިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވެވިއެވެ.
އިސްލާމްދީނުގައި ޖިންސުގެ ހަމަހަމަކަމާ ބެހޭގޮތުން އައްޝައިޙް ޢަބްދުލް ޢަޒީޒް ޙުސައިންވެސްވަނީ އިއްޔެ ވަރަށް އަގުހުރި ތަޤްރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިންސާނުންގެ ހިމާޔަތާއި ފުރިހަމަ ރައްކާތެރިކަމަށް އިސްލާމްދީނުގައި ސަމާލުކަމެއް ނުދެޔޭ ބުނާ ވާހަކައަކީ ކުށްހީއެއްކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން ދުނިޔެއަށްއައީ އަންހެނުންނަށް ޤަދަރުކުރާ ހާލުގައިކަމަށާއި، އިސްލާމްދީނުގައި އަންހެނުންނަށް އިއްޒަތާއި ޝަރަފު ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން އިސްލާމްދީން ދުނިޔެއަށް ފާޅުކުރެއްވުމުގެ ކުރިން ޖަހާލަތުގެ އަނދިރިކަން މުޅި ދުނިޔެއަށްއޮތީ ފެތުރިފައިކަމަށާއި، ޝިރުކުގެ ނުލަފާ ސުންޕާކަން އިންސާނުންގެ ސިނކުޑިތަކަށް ޝަވާރުވެފައިއޮތްކަމަށް ވިދާޅުވިއެވެ. މިފަދަ ހާލެއްގައި ދުނިޔެއޮތްއިރު ޔަހޫދީ ދީނުގައި، އަންހެނުންނަކީ ނަޖިސްގަނޑެއްގެ ގޮތުގައި ދެކެމުންއައިއިރު، ނަޞާރާ ދީނުގެ މީހުން ޤަބޫލުކުރަމުން އައީ އަންހެނުންނަކީ ފާފަކުރުމުގެ އަސްލުކަމުގައި ކަމަށާއި، އެދުވަސްވަރު އެއްވެސް ދީނެއްގައި އަންހެނުންނަކީ ދުނިޔޭގައި އެއްވެސް އަގެއް ހުރި ބަޔަކަށްވެފައި ނުވާކަމަށެވެ. އަދި މިހުރިހާކަމެއްގެ ނިމުން ގެނުވި ދީނަކީ އިސްލާމްދީންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިއްޔެ އާރަށުގައި އަންހެން ސިފައިން ހިންގި ހަރަކާތްތަކުގެ ތެރޭގައި ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކެއްވެސް ހިންގާފައިވެއެވެ. މިގޮތުން އެކިކަހަލަ ރޭސްތަކާއި، ވާދެމުމާއި އިޝާރާތުގެ ބަހުން ވާހަކަ ދެއްކުންފަދަ ހަރަކާތްތައް ހިންގާފައިވެއެވެ.