ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ގިރިފިނޮޅުގައި އެސްއެފްގެ ސިފައިންނާ ބައްދަލުކުރައްވައިފި
2010-03-08
އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް ފަރުޙަތު ޝަހީރު، ސްޕެޝަލް ފޯސަސްގެ ސިފައިންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އެމްއެންޑީއެފް ޕިކްނިކް އައިލެންޑް ގިރިފިނޮޅުގައެވެ.
މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އެސް.އެފްގެ ސިފައިންނާ ބައްދަލުކުރައްވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސްވަނީ މިހާރު ކައްދޫ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދާ އެސްއެފްގެ ތަމްރީންތަކާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި އެސްއެފްއަކީ މުވައްސަސާގެ ވަރަށް މުހިންމު ބާރެއްކަމަށާއި، އެހެންކަމުން އެސްއެފްގެ ސިފައިން ކުރިއަށް އޮތްތަނުގައި ބޮޑަށް ހަރަކާތްތެރިވާން ޖެހޭނީ، ފީލްޑް ތަމްރީންތަކުގައިކަމަށްވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ވައިސް ޗީފް، އެސްއެފްގެ ސިފައިންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވާ ހެއްދެވިއެވެ. މިގޮތުން ކުރިމަގުގައި އެސްއެފްގެ ޔުނިފޯމް އައިޓަމްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކުރެވެމުންދާ ކަމަށާއި، އެސްއެފްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ އިކްއިޕްމަންޓްސްތައް ހޯދުމާއި ބެހޭގޮތުން ވައިސް ޗީފްގެ ވިސްނުންފުޅު ހުރިގޮތް ހިއްސާކުރެއްވެވިއެވެ. މީގެ އިތުރުން އެސްއެފް ސިފައިންގެ އާއިލާތަކާއި ކައިރީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މާލެއިން އެކަމަޑޭޝަން ހަމަޖައްސައިދިނުމުގެ މަސައްކަތްތަކެއްވެސް ކުރެވެމުންދާކަމަށާއި، އެސްއެފް ސިފައިންނަށް މަޤާމްގެ ކުރިއެރުން ދިނުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.
ގިރިފިނޮޅުގައި ބޭއްވެވި މިބައްދަލުވުމަށް ވައިސް ޗީފް ވަޑައިގެންނެވުމުން އެރަށުން އެސްއެފްގެ ސިފައިންވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެރަށުގައި އެސްއެފްގެ ބައިވެރިންނާއެކު ވައިސް ޗީފް މެންދުރުގެ ފަރިއްކޮޅަކަށް އިންސާފުކުރެއްވިއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް