ސިފައިންގެ ތިން ބޭކަލަކު ޤައުމީ އައު ރެކޯޑްތަކެއް ހަދައިފި
2010-03-07
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތިން ބޭކަލަކު ޤައުމީ ރެކޯޑްތަކެއް އާކޮށްފިއެވެ. ސިފައިން، ޤައުމީ އައު ރެކޯޑްތައް ހަދާފައިވަނީ ފެތުމުންނާއި، ޝޮޓްޕޮޓް އުކުމުންނެވެ.

ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި މިއަހަރުގެ ޖެނުއަރީ 29 އިން ފެބުރުއަރީ 9 އަށް ބޭއްވި 11 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި ސިފައިންގެ ދެބޭކަލަކުވަނީ ފެތުމުން ޤައުމީ އައު ތިން ރެކޯޑެއް ހަދާފައެވެ. އެގޮތުން ފެތުމުގެ 100 މީޓަރ ފްރީސްޓައިލްގައި ލާންސް ކޯޕްރަލް ހަސަން އިނާޔަތު 1:1:35 މިނެޓުން ފެތުން ނިންމާ، ކުރީގެ ރެކޯޑް ވަނީ މުގުރާލާފައެވެ. ކުރީގެ ފެތުމުގެ ޤައުމީ ރެކޯޑަކީ 1:2:64 މިނެޓެވެ. މީގެ އިތުރުން 50 މީޓަރ ފްރީ ސްޓައިލްއިންވެސް ލާންސް ކޯޕްރަލް ޙަސަން އިނާޔަތުވަނީ ޤައުމީ ރެކޯޑް އައު ކޮށްފައެވެ. 50 މީޓަރ ފެތުމުގެ ކުރީގެ 27:51 ސިކުންތުން ނިންމާފައިވާ ރެކޯޑް ބަދަލުކުރުމަށްފަހު އިނާޔަތު ފެތުން ނިންމާފައިވަނީ 21:27 ސިކުންތުންނެވެ.
ސާފް ގޭމްސްގައި ފެތުމުން ދެން ރެކޯޑް އާކޮށްފައިވަނީ ކޯޕްރަލް ޙަސަން އަޝްރަފެވެ. ފިރިހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކްގެ ޤައުމީ ރެކޯޑް ކޯޕްރަލް އަޝްރަފް އާކޮށްފައިވަނީ 34:06 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފެތުމުގެ ބްރެސްޓް ސްޓްރޯކްގެ ކުރީގެ ޤައުމީ ރެކޯޑަކީ 34:34 ސިކުންތެވެ.
ނިމިގެންދިޔަ 20 ވަނަ ޤައުމީ ކަސްރަތު މުބާރާތުގައި ލާންސް ކޯޕްރަލް މޫސާ ފަޒްލީން ވަނީ ޝޮޓްޕުޓް އުކުމުން ޤައުމީ ރެކޯޑް އާކޮށްފައެވެ. 2008 ވަނަ އަހަރުގެ ޤައުމީ ކަސްރަތު މުބާރާތުގައި ކޯޕްރަލް ފަޒްލީން ހަދާފައިވާ 10.81 މީޓަރަށް ޝޮޓްޕުޓް އެއްލުމުގެ ޤައުމީ ރެކޯޑް އޭނާ މުގުރާލާފައިވަނީ މިފަހަރުގެ މުބާރާތުގައި 10.85 މީޓަރަށް އެއްލައިގެންނެވެ. މިތިން ބޭކަލުން ހޯދި މިފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް އެންމެހާ ސިފައިންގެ ނަމުގައި މަރުޚަބާއާއި އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް