އެމްއެންޑީއެފްގެ ފުރަތަމަ ސާޖަންޓް ކޯސް އިފްތިތާޙުކުރައްވައިފި
2010-03-07
އެމްއެންޑީއެފް ނޮން ކޮމިޝަންޑް އެކަޑަމީގައި ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ސާޖަންޓް ކޯސް މިއަދު އިފްތިތާޙު ކުރައްވައިފިއެވެ.

ސާޖަންޓް ކޯސް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ޑައިރެކްޓަރ މޭޖަރ މުޙައްމަދު އިބްރާހިމެވެ.
މިކޯހަކީ މީގެ ކުރިން އެންސީއޯ އެކަޑަމީގައި ހިންގި ފުރަތަމަ ކޯޕްރަލް ކޯހުން ލިބުނު ތަޖުރިބާގެ އަލީގައި އިތުރަށް ފުރިހަމަކުރަން ހުރި ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ސިފައިންގެ ތެރޭގައި މަސައްކަތްކުރާ ސާޖަންޓުންނަށާއި ސްޓާފް ސާޖަންޓުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ގިރިފުށީގައި މިއަދު ފެއްޓި މިކޯހުގެ މުއްދަތުގައި ވޮރަންޓު އޮފިސަރުންވެސް ވޮރަންޓް އޮފިސަސް ކޯހުގެ ސާޖަންޓް ފޭސް ފުރިހަމަކުރަމުން ގެންދާނެއެވެ. ސާޖަންޓް އަދި ސްޓާފް ސާޖަންޓް ރޭންކުގެ 26 ބައިވެރިންނާއި ވޮރަންޓް އޮފިސަރ ރޭންކުގެ 12 ބައިވެރިންނާއެކު މިކޯހުގައި ޖުމުލަ 38 ދަރިވަރުން ކިޔަވަމުން ގެންދާނެއެވެ. ސާޖަންޓް ކޯހުގެ މުއްދަތަކީ 10 ހަފުތާއެވެ.

މިކޯހުގެ މުއްދަތުގައި ޖުމުލަ 12 މާއްދާއެއް ކިޔަވައިދެއްވައި، އެސެސްކުރުމަށް ހަމަޖެހިފައިވާއިރު، ޕްލެޓޫން ސާޖަންޓެއް ނުވަތަ ސީނިއަރ އެންސީއޯއެއްގެ ހައިސިއްޔަތުން، ސިފައިން ގެންގުޅޭނެގޮތުގެ ތަޢުލީމާއި އެފަދަ ކަމަކަށް ބޭނުންވާނޭ ލީޑަރޝިޕްގެ ހުނަރުތައް މިކޯހުގެ ބައިވެރިންނަށް އުގަންނައިދެމުންދާނެއެވެ.

މިއަދު ފެއްޓި ސާޖަންޓް ކޯސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ އެކްޓިންގ ކޮމާންޑިންގ އޮފިސަރ މޭޖަރ އަޙުމަދު ޣިޔާސްއާއި، ނޮން ކަމިޝަންޑް އެކަޑަމީގެ ޑައިރެކްޓަރ ފަސްޓް ލެފްޓިނެންޓް އަޙުމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޯހުގައި ކިޔަވައިދެއްވާ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް