ކީރިތި ރަސޫލާގެ ޢީދު މިލާދު ފާހަގަކުރުމުގެ ގޮތުން އެމް.އެން.ޑީ.އެފްގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފި.
2010-02-25
ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެވަލްގައި ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ރޭ ބާއްވައިފިއެވެ.

އެމް.އެން.ޑީ.އެފް ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭކަލުންނާއި މުޚާތަބްކޮށް ތަޤްރީރުކޮށްދެއްވީ މިރޭގެ ޝަރަފްވެރި މެހުމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. ސިފައިންގެ ލެވަލްގައި ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސިފައިންގެ ހިތްތަކުގައި އިސްލާމްދީނުގެ މަތިވެރިކަން އުފެއްދުމާއި، އިސްލާމީ ޢަޤީދާ ވަރުގަދަކުރުމާއި، ސިފައިންގެ ފައުޖުގެތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމާއި، މިދުވަސްތަކާގުޅޭގޮތުން ތާރީޚުގައި ހިނގާފައިވާ ޙާދިސާތަކުން ޢިބްރަތް ޙާޞިލްކުރުމާއި މާޒީގައި ކާބަފައިން މިޤައުމަށް ވެފައިވާ ޤްރުބާތަކުން ފިލާވަޅު ޙާޞިލްކުރުމާއި ސިފައިންގެ މީހުންގެ ހިތްތަކުގައި އިތުރަށް ޤައުމީ ރޫޙް އާލާކޮށް، ޤައުމީ ރޫޙް ދިރުވާ، ސިފައިންގެ މީހުންގެ ހިތްވަރާއި ޖޯޝް ވަރުގަދަކޮށް ޤައުމީ ޚިދުމަތުގައި ސާބިތުވެ ތިބުމަށް ބާރުއެޅުމާއި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމެވެ.

ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ދެއްކެވި ވާހަކަފުޅުގައި ''ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ކޮށްފައިވާއިވާ ހަނގުރާމަތަކާއި އެހަނގުރާމަތަކުން ހޯދާފައިވާ މަތިވެރި ކާމިޔާބުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ''. އަދި '' ކީރިތި ރަސޫލާގެ އަސްކަރީ ސިޔާސަތަށް އަޅުގަނޑުމެން ނަޒަރުހިންގާލާއިރު ވަރަށް ކާމިޔާބު މަތިވެރި ސިޔާސަތެއް އެކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ގެންނެސްދެއްވާފައިވާކަމަށާއި، އަދި ގެނެސްދެއްވި މަތިވެރި ސިޔާސަތު ޚައްޞަކޮށް އަސްކަރީ ސިޔާސަތު ބިނާވެފައިއޮތީ އަޤިދާގެ މަތިވެރި އުސޫލަށް ލޯބިކުރުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ކީރިތި ރަސޫލާގެ އަސްކަރީ ސިޔާސަތު ކާމިޔާބުވެފައިވަނީ ޖިސްމާނީ ގޮތުންނާއި، ރޫހާނީގޮތުން ލަޝްކަރު ތައްޔާރުކޮށްފައިވާ ފުރިހަމަކަމުންކަމުންކަމަށާ އަދި ކީރިތި ރަސޫލާއަކީ އިސްލާމީ ވަހުދަތު އުފައްދާ ދަމަހައްޓަވާދެއްވި އަސްކަރީ ވަރުގަދަ ލީޑަރެއްކަމަށް ވިދާޅުވިއެވެ.'' މިޖަލްސާގައި ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަހާއި ބެހޭގޮތުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭކަލުންނާއި މުޚާތަބްކޮށް ތަޤްރީރުކޮށްދެއްވި އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދުއަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވިއެވެ. އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދުއަށް މިހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލްއެވެ.

މިރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލްއާއި ވައިސް ޗީފް އޮފް ޑިފެސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާ ބައެއް ބޭފުޅުން އަދި ސިފައިންގެ ޢާއިލާތަކުގެ ބޭކަލުން ބައިވެރިވެލެއްވިއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް