އިންޑިއާގައި ރީފިޓްގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، ކޯސްޓްގާޑު ޝިޕް ހުރަވީ މާލެ ބަނދަރުކުރުމާ ގުޅިގެން އެޝިޕްގެ ސިފައިންނަށް މަރުޚަބާކިޔުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި
2010-02-22

އިންޑިއާގެ ވިޝާކަޕަޓްނަމް ނޭވަލް ޑޮކްޔާޑުގައި ރީފިޓްގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ޝިޕް ހުރަވީ މާލެ ބަނދަރުކުރުމާ ގުޅިގެން އެޝިޕްގެ ސިފައިންނަށް މަރުޚަބާ ކިޔުމުގެގޮތުން ޚާއްޞަ ރަސްމިއްޔާތެއް މިރޭ ބާއްވައިފިއެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ބޭއްވި މިރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ވިންގުގެ ޑައިރެކްޓަރ މޭޖަރ މުޙައްމަދު އިބްރާހިމްއެވެ. މޭޖަރ މުޙައްމަދު އިބްރާހިމްގެ ވާހަކަފުޅުގައި ޝިޕް ހުރަވީގެ ރީފިޓް މަސައްކަތް ފުރިހަމަކުރުމަށް ޓަކައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ދިގު މުއްދަތެއްގައި ޢާއިލާއާއި ދުރުގައިތިބެ އެޝިޕްގެ ކުރޫން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރާއި، ސިފައިންގެ އިސްވެރިންގެ ފަރާތުން ޝިޕްގެ ކުރޫންނަށް ޝުކުރު އަދާކުރެއްވިއެވެ. އެއަށްފަހު ހުރަވީގެ ރީފިޓާއި ބެހޭގޮތުން ކުރު ތަޢާރަފެއް ދެއްވީ ހުރަވީގެ ކޮމާންޑިންގ އޮފިސަރ ކެޕްޓަން މުޙައްމަދު ސަލީމްއެވެ. ކެޕްޓަން ސަލީމްގެ ވާހަކަފުޅުގައި ރީފިޓްގެ މަސައްކަތް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފުރިހަމަ ކުރެވުނީ ހަމައެކަނި އެޝިޕްގެ ކުރޫން ކުރި ބުރަ މަސައްކަތުން އެކަނި ނޫންކަމަށާއި، މިމަސައްކަތުގައި އެމްއެންޑީއެފްގެ ވެރިންގެ ޕްލޭންއާ، އިންޑިޔާ ނޭވީގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގައި ހުރަވީގެ ރީފިޓް މަސައްކަތް ފުރިހަމަކުރަމުން ދިޔަ ދުވަސްތަކުގައި، އެޝިޕްގެ ކުރޫން މަސައްކަތުގެ މާހައުލުގައި ނަމޫނާގޮތެއްގައި މަސައްކަތްކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ހުރަވީގެ ކުރޫންނަށް ޝުކުރު އަދާކުރެއްވިއެވެ. މިރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ކޮމަޑާންޓްގެ ވާހަކަފުޅުގައި މިމަސައްކަތަށް އަވަށްޓެރި އިންޑިއާއިން ވެދެއްވި މަދަދާއި އެހީތެރިކަން އަބަދުވެސް ހަނދާން ބަހައްޓާނެކަމަށާއި، ދިވެހި ސަރުކާރާއި، ދިވެހި އަޝްކަރިއްޔާއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު އަބަދުވެސް ބަލައިގަންނާނެކަމަށް ވިދާޅުވިއެވެ. އަދި މިބުރަ މަސައްކަތް ފާހަގަކޮށް، މިމަސައްކަތުގައި ހަރަކާތްތެރިވި ހުރަވީގެ އޮފިސަރުންނަށާއި، ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރެއްވިއެވެ.

ކޯސްޓްގާޑު ޝިޕް ހުރަވީގެ ސިފައިންނާއި، އެޝިޕްގެ ކުރޫންގެ ޢާއިލާތަކުންވެސް ބައިވެރިވި މިރަސްމިއްޔާތަށްފަހު، ރޭގަނޑުގެ ފަރިއްކޮޅެއްވަނީ ބާއްވާފައެވެ. މިއިވެންޓް ކުރިއަށްދިޔައިރު އެމްއެންޑީއެފް ބޭންޑުގައި ރާގު ކުޅެމުންދިޔައެވެ. އަދި ރީފިޓްގެ މަސައްކަތް ކުރަމުންދިޔައިރު ނަގާފައިވާ ފޮޓޯތަކެއް ހިމަނައިގެން ފޮޓޯ ސްލައިޑް ޝޯވއެއް ދެއްކިއެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ބޭއްވެވި މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އަމީން ފައިޞަލް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޛު މުޙައްމަދު މުއިއްޒް އަދްނާން އާއި، އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީޖަލީލްއާއި، އެމް.އެން.ޑީ.އެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް ފަރުޙަތު ޝަހީރުގެ އިތުރުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ކޮމަޑާންޓް ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އާއި ސިފައިންގެ އިސް އޮފިސަރުންނާއި، އޮފިސަރުން އަދި ކޯސްޓްގާޑު ޝިޕް ހުރަވީގެ ސިފައިންނާއި، އެޝިޕްގެ ކުރޫންގެ ޢާއިލާތަކުން ބައިވެރިވިއެވެ.

ކޯސްޓްގާޑު ޝިޕް ހުރަވީގެ ރީފިޓްގެ މަސައްކަތް އިންޑިއާގައި ފަށާފައިވަނީ 2009 އޮކްޓޯބަރ 6 ވަނަ ދުވަހުއެވެ.

ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް