ހުންގާނުގެ ޖެކްހަލާކުވުމުގެ ސަބަބުން ހާލުގައި ޖެހުނު ބޯޓެއް އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ އިރުޝާދާއިއެކު ސަލާމަތްކޮށްފި
ގދ.ގައްދޫއިން ފުރައިގެން ޏ.ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ ހުންގާނުގެ ޖެކް ހަލާކުވުމުގެ ސަބަބުން އެމް.އެން.ޑީ.އެފް ސަދަން އޭރިޔާގެ އިރުޝާދާއެކު އެބޯޓު ސަލާމަތްކޮށްފިއެވެ.
29 މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ "ވީނަސް" ނަމަކަށް ކިޔާ މިބޯޓުގެ ހުންގާނުގެ ޖެކު ހަލާކުވެފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 4:40 ހާއިރު ޏ.ފުވައްމުލަކު ނެރާދިމާލުން ތިން މޭލުބޭރުގައި އޮއްވާކަމަށް އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ އިން މަޢުލޫމާތު ދެއްވިއެވެ. މިބޯޓު ހާލުގައި ޖެހުނުއިރު ބޯޓުގެ 9 ފަޅުވެރިންގެ އިތުރުން 5 އަންހެނުންނާއި، 14 ފިރިހެނުން އަދި ކުޑަކުއްޖަކު ބޯޓުގައި ތިއްބެވެ.
މިހާދިސާގެ ރިޕޯޓް އިއްޔެ ގާތްގަނޑަކަށް 5 ޖަހާކަންހާއިރު އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ ގުޅިގެން ބޯޓުގެ ކެޕްޓަނަށް އިރުޝާދުދީގެން ބޯޓްކައިރިއަށް ޏ.ފުވައްމުލަކުން ދޯންޏަކާއި ލޯންޗެއް ގެންގޮސް ބޯޓުގައި ތިބި ޕަސެންޖަރުން ފުވައްމުލަކަށް ބޭލުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި ބިންދައިގެންދިޔަ ހުންގާނުގެ ޖެކު ރޭގެ 8:14 އެހާކަންހާއިރު ވެލްޑިންކޮށްގެން އަޅުވާފައިވާކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާއިން މަޢުލޫމާތު ދެއްވިއެވެ. މިހާދިސާ ހިނގައިގެން އުޅުނުވަގުތު އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ މަސައްކަތް ކުރިއަށްގެންދިޔުމުގައި ފުވައްމުލަކު ކައުންސިލަރ ޢަލީ ރަޝީދުގެ އެހީތެރިކަން ލިބިފައިވާކަން އެމް.އެން.ޑީ.އެފް ސަދަން އޭރިއާއިން ފާހަގަކޮށްފައިވެއެވެ.