ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގާ ތަމްރީން އެކްސަސައިޒް ''ފްލޭޝް މެޓަލް'' ފެށިއްޖެ.
ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގާ އެކްސަސައިޒް ''ފްލޭޝް މެޓަލް'' މިއަދު ފެށިއްޖެއެވެ.
2010 ފެބުރުއަރީ 08 ން 2010 މާރޗް 03 އަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތަމްރީން މަރުކަޒު ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދާ މިއެސަސައިޒް ފައްޓަވައިދެއްވީ އެމް.އެން.ޑީ.އެފްގެ ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޕްލޭންސް، ޕޮލިސީ އެންޑް ޓްރެއިނިންގ ލެފްޓިނެންޓް ކާނަލް ހާމިދު ޝަފީގްއެވެ. މިއެކްސައިޒްގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ އަޝްކަރީ ގުޅުން ބަދަހިކޮށް، ކަނޑާއި އެއްގަމުގަ ދިމާވާ ކާރިސާތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރާނެގޮތް ދަސްކުރުމެވެ. އެމެރިކާގެ ނޭވީ އާއި ދިވެހި ސިފައިން ގުޅިގެން މިހިންގާ ތަމްރީނަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ދިމާވެދާނެ ކާރިސާތަކުގައި ގުޅިފައިވާ ލަޝްކަރަކުން މަސައްކަތް ކުރާނެ ގޮތަކާއި، އަދި އެފަދަ ލަޝްކަރެއްގައި ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ދިރާސާކޮށް، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިވެ، ކަނޑުމަތީގައި ޓެކްޓިކަލް ގޮތުން ހަރަކާތްތެރިވާނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ރޭވިފައިވާ އެކްސަސައިޒެކެވެ. ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގާ އެކްސައިޒް ''ފްލޭޝް މެޓަލް'' ފެއްޓުމުގެ ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ޖޮއިންޓް ސްޓާފުންނާއި ސިފައިންގެ އޮފިސަރުންގެ އިތުރުން އެމެރިކާގެ ނޭވީ ސިފައިން ބައިވެރިވެލެއްވިއެވެ.