މިއެކްސިޑެންޓްގައި އަނިޔާ ލިބިފައިވާ 9 މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މީގެ ތެރެއިން 8 މީހަކު ހޮސްޕިޓަލުން މިހާރުވަނީ ދޫކޮށްލާފައެވެ. މިއެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ލޯންޗުގެ ފަޅުވެރިއަކަށާއި، ފެރީން ދަތުރުކުރި 10 މީހަކަށެވެ.
މިއެކްސިޑެންޓްގެ ސަބަބުން ލޯންޗުގެ ވާތްފަރާތު "ޕޯޓް ސައިޑް" ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓްވެފައިވާ ލޯންޗަކީ "ސްވެނިއަރ އިންވެސްޓްމަންޓް" ގެ ލޯންޗެކެވެ. މިހާރު މިލޯންޗު އޮތީ ފުނަދޫގައެވެ. އަދި ހުޅުމާލޭ ފެރީވަނީ މާލޭ ފެރީތައް އޮންނަ ސަރަހައްދަށް މިހާރު ވައްދާފައެވެ.
އެކްސިޑެންޓްވި ލޯންޗަކީ ރަންނާޅި ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ހުޅުލެއަށް ދިއުމަށް ދިޔަ ލޯންޗެކެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިހާރު ގެންދަނީ މިއެކްސިޑެންޓް އިތުރަށް ތަހްޤީޤްކުރަމުންނެވެ.