މިޑްރިލް ބޭއްވުމުގެ ކުރިން ސްކޫލްގެ ސީނިއާރ މުވައްޒަފުންގެ މެދުގައި އިމަރޖެންސީ ކޮންޓްރޯލް އޯގަނައިޒޭޝަނެއް ވަނީ ޤާއިމުކުރެވިފައެވެ. މިގޮތުން މި އޮގަނައިޒޭޝަންގެ މެމްބަރުންނަށް އެމީހުންގެ ޒިންމާތަކާއި، އިވެކުއޭޓް ކުރުމުގައި އަމަލުކުރަންވީ ގޮތާއި، ތަނުގައި ބަހައްޓާފައިވާ އަލިފާންނިވާ ނިޒާމްތައް ބޭނުންކޮށްގެން އަލިފާން ނިވާނެ ގޮތް ސްކޫލްގެ ހުރިހާ މުވައްޒަފުންނަށް އޮޅުންފިލުވައިދީ އަދި އަމަލީ ގޮތުން މިތަކެތި ބޭނުންކުރާނެ ގޮތް ވަނީ ދަސްކޮށްދެވިފައެވެ. އަދި މީގެއިތުރުން ސްކޫލްގައި ބަހައްޓާފައިހުރި އަލިފާންނިވިތައް ފޮހެ ސާފުކޮށް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދެވިފައެވެ. މި އިވެކްއޭޝަން ޑްރިލް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ސްކޫލް މަދަރުސާތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާއެއް ނުވަތަ މިނޫންވެސް މިފަދަ ހާދިސާއެއް ހިނގައިގެން ސްކޫލް މަދަރުސާގެ ދަރިވަރުން އިވެކުއޭޓް ކުރަންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރާނެ އެންމެ ރަނގަޅުގޮތް ދަސްކޮށްދިނުމެވެ. މިއަދު ބޭއްވުނު މިފަރިތަކުރުންތަކުގައި އަމީނިއްޔާ ސްކޫލްގެ ދެ ދަންފަޅީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން މައުލޫމާތު ދީފައިވެއެވެ.