ޅ.ނައިފަރު ފަޅުތެރޭން ލޯންޗެއްގައި ރޯވެއްޖެ.
މިއަދުގެ 15:25 ހާއިރު ޅ.ނައިފަރު ފަޅުތެރޭން ލޯންޗެއްގައި ރޯވެއްޖެއެވެ. މިލޯންޗަކީ ޅ.މާފިލާފުށިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ލޯންޗެކެވެ. މިލޯންޗުން ދަތުރުކުރީ ޅ.އަތޮޅު ހޮސްޕިޓަލުގެ 11 މުވައްޒަފުންނެވެ.
މިލޯންޗުގައި އަލިފާން ރޯވެފައިވަނީ ޅ.ނައިފަރު ޖެޓީއާއި ކައިރިކުރަނިކޮށް އަޑެއްގޮވުމަށްފަހުގައެވެ. އެވަގުތު ލޯންޗުން ދަތުރުކުރި 11 މީހުން ވަނީ މޫދަށް ފުންމާލާފައެވެ. މީގެތެރެއިން އަށްމީހުން ވަނީ ކުދިކުދިއަނިޔާތައް ލިބިގެން ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައެވެ. މިލޯންޗުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމް.އެންޑީ.އެފް ނޮދަންއޭރިޔާ އަށް އެންގުމާއިގުޅިގެން އެސަރަހައްދަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑު ސްކޮޑްރަންޓުން ހާބަރ ކްރާފްޓް 106 ނަންބަރު ލޯންޗް ވަނީ އެސަރައްހައްދަށް ފޮނުވާލާފައެވެ. ހާބަރ ކްރާފްޓް 106 ނަންބަރު ލޯންޗް އެސަރަހައްދަށް ދިޔައިރު ނައިފަރު ރައްޔިތުންގެ ތެރެއިން ބަޔަކު ކަނުހުރާ ރިސޯޓްގެ ދޯންޏެއްގައި ކަފުޖަހައިގެން އެލޯނަޗް ވަނީ ފަޅުތެރެއިން ބޭރަށްނެރެފައެވެ. އެހެންކަމުން އެލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ސިފައިން މަސައްކަތް ކުރަމުންދަނިކޮށް، ރޯވެފައިވާ އަލިފާން ބޮޑުކަމުން މިއަދު 16:10 ގައި ވަނީ ކަނޑުތެރެއަށް އަޑިއަށްގޮސްފައެވެ.