ސިފްކޯ ހިޔާ ޕްރޮޖެކްޓްގެ މަސައްކަތްތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި
14 މާރޗް 2019 18:11

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފްކޯ ހިޔާ ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް "ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް މިއަދު ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަޠީފެވެ.

ސިފްކޯ ހިޔާ 330 ފުލެޓް ޢިމާރާތުގެ ޢަމަލީ މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި ވަނިކޮށް، އެޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ޚާއްޞަ އިސްކަމެއް ދެއްވައިގެންނެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދިފާޢީ ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޚާއްޞަ އިސްކަމެއް ދެއްވައިގެން، އެމަސައްކަތް ވަރަށް ގާތުން ކުރިއަށްދާގޮތް ދަނީ ބައްލަވަމުންނެވެ.

ޑިފެންސް މިނިސްޓަރ މިއަދު ކުރެއްވި މި ޒިޔާރަތުގައި، ސިފްކޯހިޔާ ފުލެޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން އެ މަޝްރޫޢު ކުރިއަށްގެންދަވާ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑާއި އެޕްރޮޖެކްޓްގެ އިންޖިނިއަރުންގެ ފަރާތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ފުލެޓްގައި ތައްޔާރުކޮށްފައިވާ "މޮކްއަޕް އެޕާޓްމަންޓް" ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްލަވާލައްވާފައެވެ.

ޑިފެންސް މިނިސްޓަރުގެ މި ޒިޔާރަތުގައި، މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު އަލްފާޟިލް ޙަސަން ޒަމީލާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ ޗެއާމަން ކާނަލް އަބްދުލްމަތީން އަޙްމަދާއި ސިފްކޯ ހިޔާ ފުލެޓް ޕްރޮޖެކްޓްގެ މެނޭޖަރ ކާނަލް މުޙައްމަދު ޝާހިދާއި ސިފްކޯގެ ސީއީއޯ މޭޖަރ ޙައްވާ ޝެނީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާ ފްލެޓް ނަމުގައި ބިންގާ އެޅިގެންދިޔަ 330  ފުލެޓްގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ސެޕްޓެމްބަރު  މަހުގެ 02  ވަނަ ދުވަހުއެވެ.