ހދ. ކުމުންދޫގެ ވަލުތެރޭގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާއިން ނިއްވާލައިފި
07 މާރޗް 2019 22:47

ހދ.ކުމުންދޫގެ ވަލުތެރޭގައި މިއަދު ހަވީރު ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 15:32 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހދ.ކުޅުދުއްފުށިން ކުމުންދޫއަށް ގޮސް މިއަދު 16:03 ހާއިރު ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކުމުންދޫގެ ވަލުތެރޭގެ 700 ފޫޓް ވަރުގެ ބޮޑު ސަރަޙައްދެއްގެ އެކި ހިސާބުތަކުގައި ރޯވެފައިއޮތް އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 20:41 ހާއިރުއެވެ.

މި ހާދިސާގައި، ހދ.ކުމުންދޫ ވަލުތެރޭގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފައެވެ. އެހެންނަމަވެސް، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.