އައްޑޫ ސިޓީ ހިތަދޫގައި ހިންގި މަސް ފެކްޓްރީގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ނިއްވާލައިފި
03 މާރޗް 2019 20:03

އައްޑޫ ސިޓީ ހިތަދޫގައި މަސް ފެކްޓްރީ ހިންގި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑިއެފް ސަދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓު މިއަދު ހަވީރު 17:53 ހާއިރު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް ސިފައިންނާއި އެ ސަރަޙައްދުގައި ތިބި އާންމު ރައްޔިތުން ކުރި މަސައްކަތުން، ރޯވެފައިވާ ހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ އިރުއޮއްސި 18:50 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. އަދި އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީގު ކުރަމުންނެވެ.