
މުދާ ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 10:58 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއް ވަނީ ގޮސް މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މި ދޯންޏަށް އެހީތެރިވުމުގެ ގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން ޕަމްޕް ބަހައްޓައިގެން ދިޔަ ހިއްްކުމުގެ މަސައްކަތް ކޮށް ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 12:30 ހާއިރުއެވެ.
މި ދޯންޏަށް ބަރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިލަޔާ ހިލަވެލި އަދި ސިމެންތި ހިމެނެއެވެ. މި ހާދިސާގައި މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.