އަންހެން ސިފައިންނަށް ޚާއްޞަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" ފަށައިފި
10 ފެބްރުއަރީ 2019 12:59

ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިންނަށް ޚާއްޞަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" މިއަދު ފަށައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެކަަމަނާ ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

8 ހަފުތާގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ އަންހެން ސިފައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޖުމްލަ 55 އަންހެން ސިފައިން ބައިވެރިވާ މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށްދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިއެކި ސަރަޙައްދުތަކުގައެވެ.

އަންހެން ސިފައިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި 3 ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބިގަސްޓް ލޫޒާ އަށް ހޮވޭ 3 ފަރާތް، މޯސްޓް މޯޓިވޭޓަރ އަދި ކުއީން އޮފް ދަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ، ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދެވެ.

"މޫދު ކަސްރަތު ޕްރޮގްރާމް" ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ އަންހެން ސިފައިން ބައިވެރިވެފައިވެއެވެ.