ފަސްދޮޅަސް ހަތަރު ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
09 ފެބްރުއަރީ 2019 10:05

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް ހިންގުނު 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

64 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙުމަދު ޝައިހާން ޖަލީލެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު ހިޝާމެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައި ވަނީ ވެސް ޕްރައިވެޓް އަޙްމަދު ހިޝާމެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ޙުސައިން އާދަމް ހޯދާފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހޯދާފައި ވަނީ ޕްރައިވެޓް ސާމިޙް މުޙައްމަދެވެ. މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ޝަހުމާއެވެ.

މި ކޯހުގެ ޗާލީ ޕްލެޓޫންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް މަފާޒެވެ. ގޮލްފް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އަޝްވާޤް އިބްރާހީމް ހޮވިފައިވާއިރު މައިކް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް މުޙައްމަދެވެ. އަދި ޓެންގޯ ޕްލެޓޫންގެ އެއްވަނަ ދަރިވަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙުސައިން އާދަމެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އަލްއުސްތާޛާ މަރިޔާ އަޙްމަދު ދީދީ ވަނީ ލަޝްކަރު ބަލާ ފާސްކޮށްދެއްވައި ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ދަސްވެނިވެގެން ސިފައިންގެ އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް އެންމެހާ ދަރިވަރުންނަށް ނަސޭހަތްތެރިވެ ލެއްވިއެވެ. އަދި ސިފައިންގެ ޢަމަލީ މައިދާނުގައި ވެސް ކުރަންޖެހޭ މަސައްކަތްތަކަކީ ވަކި ކުޑަ މަސައްކަތްތަކެއް ނޫންކަމަށާއި ސިފައިންނާއި މަތިކުރެވިފައިވާ، މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއެކު ޢަޒުމް ވަރުގަދަ ބައެއްގެ ގޮތުގައި ފަސް ނުޖެހި ދެމިތިބުމަށް ވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޝަރަފުވެރި މެހެމާންގެ ވާހަކަފުޅަށްފަހު ކޯހުގެ ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. މިރަސްމިއްޔާތު ނިމިގެން ދިޔައީ ސިފައިންގެ ލަވަ އާއި ޤައުމީ ސަލާމަށްފަހު 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގާދިޔުމުންނެވެ.

2018  އޯގަސްޓް 11 ވަނަ ދުވަހު ފެށި 64 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައި ވަނީ 125 ދަރިވަރުންނެވެ. އެއީ 111 ފިރިހެން ސިފައިންނާއި 14 އަންހެން ސިފައިންނެވެ.

64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.