އެމްއެންޑީއެފް އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި
02 ފެބްރުއަރީ 2019 22:31

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ  ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިރަސްމިއްޔާތުގައި މުބާރާތުގެ ދެ ޑިވިޜަންގެ ތަށި ދަނޑަށް ގެނެސްފައިވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. ދެޑިވިޜަންގެ ތަށި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި މުބާރާތުގެ ތައްޓަކީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާޒްގެ ހުނަރުވެރި ސިފައިން ތައްޔާރުކޮށްފައިވާ ތައްޓެކެވެ. މިރަސްމިއްޔާތުގައި މުބާރާތަށް ތައްޔާރުކޮށްފައިވާ ތީމް ލަވައެއް އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުން ވަނީ ހުށަހަޅައިދީފައެވެ.

ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގައި 5 ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޜަންގައި 7 ޓީމް ހިމެނެއެވެ. ފުރަތަމަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޕްރެސިޑެންޝަލް ގާޑް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމްބައިން ޓީމް، ސްޕެޝަލް ފޯސަސް މާލޭ އޭރިއާގެ އިތުރުން ކޯސްޓްގާޑެވެ.

ދެވަނަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ބޭންޑް އެންޑް މިއުޒިކް ވިންގާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފަންގެ ކުލަބުގެ ކޮމްބައިން ޓީމު، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، މިލިޓަރީ ޕޮލިސް އަދި ސިފްކޯ ކޮމްބައިިން ޓީމް، ސިގްނަލް އަދި ސެނަހިޔަ އަދި ސަޕްލައި ސަޕޯޓް ސަރވިސްގެ ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

މި މަހުގެ 02 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ސްޕެޝަލް ފޯސަސްގެ ޓީމާއި މާލޭ އޭރިއާގެ ޓީމެވެ.

މިރޭގެ މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.