މަހަށް ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދަން ފަށައިފި
02 ފެބްރުއަރީ 2019 14:29

ހއ.ފިއްލަދޫއިން 13 މީހުންނާއެކު ޖަނަވަރީ 25 ވަނަ ދުވަހު މަހަށްފުރި "ޔުނިޓީ" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 14:10 ހާއިރުއެވެ. މި ދޯނި ޖެނުއަރީ 29 ވަނަ ދުވަހު ހއ.ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަންކުރުމުގައި އުޅުނުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވެއެވެ. މިދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

މި ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެކެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 މިނަމްބަރު ފެކްސްއަށެވެ.