މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މާލެ ގެނެސްދީފި
30 ޖެނުއަރީ 2019 00:25

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރި "އަމަން" ނަމަކަށްކިޔާ ދޯންޏެއްގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މާލެ ގެނެސްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:33 މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ. މިއަދު މާލެ ގެނައި މި ބިދޭސީ ބަލި މީހާއަކީ އެ ދޯނީގެ އިންޖީން ރޫމަށް ފޭބި ފަހުން ހާލުދެރަވި އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިނގާފައި ވ.ފުސްފަރާ ހިސާބުންނެވެ.

މި ބަލިމީހާ މިއަދު 10:40 ހާއިރު މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.

އަދި "އަމަން" ދޯނީގެ ބަލިމީހާ ގޮވައިގެން ސީ އެމްބިއުލާންސް މާލެއަށް ކުރި ދަތުރުގައި، ދ.ކުޑަހުވަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ވައިލެޓް" ބޯޓްގައި ތިބި ފަސް ކުޑަކުދިންނާއި ފަސް އަންހެނުން ވެސް ވަނީ މި ސީއެމްބިއުލާންސްގައި މާލެ ގެނެސްދީފައެވެ. ވައިލެޓް ބޯޓްގައި ތިބި ކުޑަކުދިންނާއި އަންހެނުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓްގެ އިންޖީނުގެ ރޭޑިއަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެމްއާރުސީސީގެ އެހީތެރިކަމަށް އެދުމުންނެވެ.