ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
28 ޖެނުއަރީ 2019 19:51

 ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ.އެނބޫދޫ ފިނޮޅު) ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންނާއި އެ ރިސޯޓްގެ ފަޔަރ ޓީމު ކުރި މަސައްކަތުން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު ފަތިހު 04:48 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެ ރިސޯޓްގެ ފަސް މޫދު ކޮޓަރިއެއްގައި ރޯވި މި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މިއަދު ހެނދުނު 06:15 ހާއިރުއެވެ.

މިހާދިސާގައި މޫދުކޮޓަރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވެއެވެ.