އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ
09 ޖެނުއަރީ 2019 19:32

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް (48 އ) ނިޔާވެފައިވަނީ މިއަދު ހަވީރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ޕީޓީއަށް ނިކުމެ ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ވެއްޓުމާއެކު ފަރުވާއަށް ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ކެޕްޓަން މުޙައްމަދު ރާމިޒްގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ މެޑަލި، އަޚްލާޤީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚުލާޤީ ކުލަ 3 ފަހަރަށް ،އިޚްލާޞްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ.  އަދި ކެޕްޓަން ރާމިޒް ނިޔާވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޕޯސްޓިންގ ގައި ރަސްމީ ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށެވެ.