ފަތުރުވެރިންގޮވައިގެ ދަތުރުކުރި ސަފާރީއަކަށް ދިޔަވާތީ ކޯސްޓްގާޑްއިން ހަރަކާތްތެރިވެއްޖެ
04 ޖެނުއަރީ 2019 14:47

"މޯލްޑިވްސް އެކްސްޕްލޯރާ" ނަމަކަށް ސަފާރީއެއް ފުލިދޫ ކަނޑު ތެރެއިން ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 11:20 ހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމުން ދިޔަ ހިއްކާނެ ޕަންޕާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއްވަނީ ސަފާރީ އޮތް ސަރަހައްދަށް ދިއުމަށްޓަކައި ފުރާފައެވެ.

16 ފަތުރުވެރިންނާއި އަށް ފަޅުވެރިން ދަތުރުކުރި މި ސަފާރީއަށް ދިޔަވާން ފެށީ ސަފާރީގެ ދިރުނބާކޮޅުގެ ބައެއް ލަކުޑިތައް ފީވެ ފަޅައިގެންގޮސްގެންކަމަށާއި އަދި މިހާދިސާގައި ސަފަރީގައި ބޭނުންކުރާ ދެ ޖަނަރޭޓަރުވެސް ފެއިލް ވެފައިވާކަމަށް ސަފާރީގެ ކެޕްޓަން ކޯސްޓްގާޑަށް މަޢުލޫމާތު ދެއެވެ.

މިހާރު ސަފާރީއަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާއިރު މި ސަފާރީއިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިހާރު މި ސަފާރީ އޮތީ ރިހިވެލި ބީޗް ރިސޯޓް ކައިރީ ފަޅެއްގައި އަޅާފައެވެ.

މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރިހިވެލި ބީޗް ރިސޯޓާއި ފިހާޅޮހި އައިލެންޑް ރިސޯޓްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވެފައެވެ.