ގިލި ލަންކަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
03 ޖެނުއަރީ 2019 08:20

މާލެ އަތޮޅު، ގިލި ލަންކަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 22:32 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ލޯންޗުގައި އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

އެފްއާރުއެސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔައިރު، ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ވަރަށް ބޮޑަށް ރޯވެފައިހުރި އިރު، އަލިފާންގަނޑު އިތުރަށް ފެތުރިގެންދާތީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އިތުރު ޓީމެއް އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެ ރިސޯޓަށް ގޮސް، ފަހުން ވަނީ މަސައްކަތް ފަށާފައެވެ.

ހުއްޓުމެއްނެތި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުތަކާއި، ރިސޯޓުގެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތުން، އިތުރަށް އަލިފާންގަނޑު ފެތުރިގެން ނުދާނޭ ވަރަށް ކޮންޓްރޯލްކުރެވުނީ ރޭ 01:00 ހާއިރުއެވެ. އަދި، އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ކުރި މަސައްކަތް ކާމިޔާބުވީ ރޭ ފަތިހު ގާތްގަނޑަކަށް 5:00 ހާއިރުއެވެ. ރޭ މިހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ 7 މޫދު ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. އަދި، ހާދިސާއާ ގުޅިގެން އެ ރިސޯޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި ރިސޯޓުގެ ދެ މުވައްޒަފަކަށް ދުމުގެ އަސަރުކޮށްގެން ރިސޯޓުގެ ފަރާތުން އެ ދެމީހުން ވަނީ މާލެ ގެނެސްދީފައެވެ.