އެމްއެންޑީއެފް އެފްއާރުއެސް އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި
31 ޑިސެމްބަރ 2018 14:00

އަލިފާނުގެ ޙާދިސާ ތަކުން ރައްޔިތުންނާ ގެދޮރާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ކޯސްޓްގާޑް ކޮންފަރެންސް ހޯލުގައި މިއަދު ހެނދުނު 11:00 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އާ އެމްއެންޑީއެފް ފަޔަރ އެންޑްރެސްކިއު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމް އާއި އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ އިންޗާރޖް ވއ. 2 އަޙުމަދު ނަޝީދެވެ.

މި ބައްދަލުވުމުގައި 2008/1 ސިފައިންގެ ޤާނޫނުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް މަތިކުރައްވާފައިވައި އޮންނަނީ ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކޮށް އަމާން އޮމާން ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ހޯދައިދިނުންކަމުގައި ފާހަގަކުރައްވައި މިއަދުގެ މި ބައްދަލުވުމުގައި މިހާރަކަށް އައިސް ގިނައަދަދަކަށް އަލިފާނުގެ ހާދިސާތަކާ ގޭހުގެ ހާދިސާތަކުގެ އިތުރުން ކަރަންޓް މެދުވެރިކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގެ މައްޗަށް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ވިހާވެސް ކުޑަކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންކަމުގައި ވިދާޅުވެފައިވެއެވެ.

މިގޮތުން ކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ތަފާތު ޕްރޮގްރާމްތައް ސްކޫލްތަކުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭކަމަށާއި ކަނބަލުންނަށާއި ރިސޯރޓްތަކަށާއި ރަށްރަށުގަ މަސައްކަތްކުރައްވާ އެކިއެކި ބޭފުޅުންނަށް އަމާޒުކޮށްގެން ވެސް ތަފާތު ތަމްރީންތައް ކުރިއަށްގެންދެވޭކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަލިފާނުގެ ހާދިސާތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން 2018 ވަނަ އަހަރުގެ މިހާހިސާބަށް 105 އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށާއި މީގެ ތެރޭގައި ބޮޑެތި ހާދިސާތަކުގެ ގޮތުގައި 11 ހާދިސާ ހިމެނޭކަމަށް ވަނީ މަޢުލޫމާތުދެއްވާފައެވެ. އަދި 3 ހާދިސާއެއް މި މަހުގެ ތެރޭގައި ހިނގާފައިވާކަމަށާއި މީގެ ތެރޭގައި ކަރަންޓް ޝޯޓެއް ވެގެން އަލިފާނުގެ ހާދިސާ ހިނގާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ކަރަންޓުގެ ސަބަބުން ހިނގާ ހާދިސާތައް ކުޑަކުރުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް ސްޓެލްކޯއާއި އެކީ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި މި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަކީ މިފަދަ ހާދިސާތައް ހިނގަނީ މިހާރަކަށް އައިސް ގޭގެ ކަރަންޓް ވައިރުކުރާކުރުމުގައި ސްޓެލްކޯއިން އެޕްރޫވްކޮށްފައިވާ ކޮލިޓީގެ ތަކެތި ބޭނުން ނުކުރުމާއި އަދި ކޮންޓްރެކްޓަރުން ބަހައްޓަންޖެހޭ ވަރަށް ފަރުވާ ނުބަހައްޓައި މަސައްކަތްކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ސްޓޭލްކޯ އާއި ގުޅިގެން މާލޭގެ ގެތަކުގެ ކަރަންޓްގެ ހާލަތު ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް މި ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ބައެއް ސުވާލުތަކަށް ކާނަލް ޢަބްދުﷲ ޒުހުރީ އާއި މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމް ވަނީ ޖަވާބުދެއްވާފައެވެ.