ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ "ވިކްޓްރީ ރަން" ބާއްވައިފި
03 ނޮވެމްބަރ 2018 23:29

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ރަން" މާލޭގައި މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ބޭއްވި ވިކްޓްރީރަން ފައްޓަވައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ.

މި ރަން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށި ދެކުނު ގޭޓުން ނިކުމެގެން ހުޅަނގަށްގޮސް އިއްޒުއްދީން މަގުން އުތުރަށްގޮސް އަމީނީމަގުން ހުޅަނގަށް ގޮސް ކަނބާ އައިސާރަނި ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށްގޮސް މާލެ ވަށައި ދުވުމަށްފަހު ކަޅުތުއްކަލާކޮށްޓަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޚާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

މި ރަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއާ ޖެނެރަލް އޮފިސަރުންނާ ސީނިއަރ އޮފިސަރުންގެ އިތުރުން ސިފައިންގެ އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަން ގައި ޤައުމީ ޝިޢާރާއި ސިފައިންގެ އަޒުމް ވަނީ އަޑު ހަރުކޮށް ކިޔާފައެވެ.