ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މަޢުރަޒު އދ.މަހިބަދޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެ
01 ނޮވެމްބަރ 2018 11:18

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ 22 ވަނަ ފޮޓޯ މަޢުރަޒު އެމްއެންޑީއެފް މާލޭ އޭރިއާ، އދ.މަހިބަދޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު، އދ.މަހިބަދޫ ސްކޫލު ހޯލުގައެވެ. މި ފޮޓޯ މަޢުރަޒުގައި، 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އަދި ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިފޮޓޯ މައުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.