ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން ބާއްވާގޮތަށް ހަމަޖައްސައިފި
01 ނޮވެމްބަރ 2018 11:09

މިއަހަރުގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން މިމަހު 3 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ޝަހީދުވި، ޝަހީދުންގެ ޒިކްރާ އާކުރުމުގެ ގޮތުން، ބާއްވާ މި ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ.

މީގެ އިތުރުން ސިފައިންގެ އޭރިއާ ހެޑްކުއޯޓާރޒްތަކުގައި ނޮވެމްބަރު 3 ވަނަ ދުވަހު ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމާއި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި ޖަމާޢަތުގައި ފަތިސް ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ފަރާތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.