މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
30 އޮކްޓޯބަރ 2018 17:36

ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯރޓަށް ދަތުރުގޮސް މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން މިމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާރޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:49 ހާއިރުއެވެ. މިހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމެއް ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ" ގައި އެސަރަހައްދަށްގޮސް މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާއާއި ގުޅިގެން މި ރިސޯރޓްގެ ޑައިވިންގ ޓީމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ޚަބަރެއް ނުވެގެން ގެއްލިފައިވާ ފިރިހެން ފަތުރުވެރިޔާ އެންމެފަހުން ލައިގެން ހުރީ ކަޅުކުލައިގެ ސޫޓެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދެމެވެ.