ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ހޯދައިފި
27 އޮކްޓޯބަރ 2018 01:45

ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން މިރޭ ހޯދައިފިއެވެ.

ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައިވަނީ މިރޭ 23:14 ހާއިރުއެވެ.

މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި މިމީހާ ހޯދުމުގެ މަސައްކަތަށް ވަނީ ފުރާފައެވެ. މި މީހާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހާބަރ ޕެޓްރޯލަށް މި މީހާ ފެނިފައިވަނީ މިރޭ 23:39 ހާއިރުއެވެ. މި މީހާ ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންނެވެ.

މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި މިމީހާ ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުންނެވެ. މި ހާދިސާގައި މި މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.