ތިލަފުށި ބޭރުގައި އޮތް ބާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
26 އޮކްޓޯބަރ 2018 15:03

ތިލަފުށި ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ އުފުލާ ބާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިއަދު ހެނދުނު 07:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ވަނީ ބާޖު އޮތް ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެފްއާރުއެސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 14:25 ހާއިރުއެވެ.

މި ހާދިސާގައި އަލިިފާން ރޯވެފައިވަނީ ބާޖުގެ އިންޖީން ރޫމްގައެވެ. މި ބާޖަކީ މަސް ކިރާ އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމަށް ހަދާފައިވާ 320 ފޫޓު ދިގު ބާޖެކެވެ.

މި ބާޖުގައި އަލިފާނުގެ ހާދިސާ ހިނގި އިރު 20 މީހުން ތިއްބެވެ. މި އެންމެންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ވަނީ ނަގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.