މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
22 އޮކްޓޯބަރ 2018 06:37

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ އާ ދިމާލުގައި މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު، ރޭ މެންދަމު 03:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އައްޑޫ ސިޓީ ހިތަދޫގެ ކޯއްޓޭ ސަރަޙައްދުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަންފާލް ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ސްޓާޓިންގ މޯޓަރުގެ އިސްކުރެއް ބިންދައިގެން ގޮސްގެން އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި 4 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހީންނެވެ.

މި ހާދިސާގައި އިންޖީނު ހުއްޓުނު ދޯނި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާއިރު މި ދޯނި އޮތް ސަރަޙައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.