ފަތުރުވެރިންނާއެކު ގިރިއަކަށް އެރި ޑައިވިންގ ދޯންޏެއް ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
02 އޮކްޓޯބަރ 2018 21:40

މާލެއަތޮޅުގައި އޮންނަ އަނަންތަރާ ދިގުފިނޮޅު ރިސޯޓުގެ ހުޅަނގު ފަރާތުގައި އޮންނަ ގިރިއަކަށް ފަތުރުވެރިންނާއެކު އެރި "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް ފުންކުރުމުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 19:19 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ލޯންޗެއްގައި ސިފައިން ވަނީ އެސަރަޙައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާ ހިނގިއިރު، އެ ދޯނީގައި 24 ފަތުރުވެރިންނާއި ފަޅުވެރިންގެ ގޮތުގައި 6 މީހުން ތިއްބެވެ. މީގައި ތިބި ފަތުރުވެރިން އެ ޑައިވިންގ ދޯނި ދުއްވަމުންދާ "މޯލްޑިވިއަން ޑްރީމް ޓޫ" ނަމަކަށް ކިޔާ ސަފާރީއަށް މިރޭ 19:52 ހާއިރު ވަނީ ނަގާފައެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ. އަދި ގިރިއަށް އަރާފައިވާ ޑައިވިންގ ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.