ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
14 ސެޕްޓެމްބަރ 2018 20:05

މާލެ ސިޓީގައިހުރި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

މިހާދިސާގެ މަޢުލޫމާތު ފަތިހު 03:08 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ފަތިހު 03:38 ހާއިރުއެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައެވެ. މި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާއަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، ލޭބަރ ކުއާޓާގައި ނިދާފައިތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީގައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.