ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި
16 އޯގަސްޓް 2018 07:58

ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެކެވެ. ރޭ 22:30 ހާއިރު ޅޮހިން ފުރި މިދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 06 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށްވެސް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.