ހަނިމާދޫ އެއަރޕޯރޓް ޖެޓީ ސަރަހައްދުގައި އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށްގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
15 އޯގަސްޓް 2018 15:33

ހދ. ހަނިމާދޫ އެއަރޕޯރޓް ޖެޓީ ސަރަހައްދުގައި އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށްގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު މެންދުރު 13:51 ހާއިރު ހިނގި މި ހާދިސާގައި ޖެޓީ ކައިރިއަށް އަޑިއަށްގޮސްފައިވަނީ ހދ.ކުޅުދުއްފުށި "ކިރުނަ" ނަމަކަށް ކިޔާ ލޯންޗެކެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ވަނީ މި ލޯންޗް ފެންމަތިކުރުމުގެ މަސައްކަތްފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މި ލޯންޗް ފެންމަތިކުރެވިފައިވަނީ މިއަދު މެންދުރު 14:30 ހާއިރުއެވެ. މި މަސައްކަތުގައި ހދ. ހަނިމާދޫ އެއަރޕޯރޓްގެ އެހީތެރިކަން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިންނަށް ވަނީ ލިބިފައެވެ.

މި ލޯންޗް ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވަނީ ފަޅުތެރޭގައި އަޅާފައިވަނިކޮށް ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުންނެވެ. މި ލޯންޗް ފަޅުތެރޭގައި އަޅާފައި އޮތް އިރު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ.