ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
08 އޯގަސްޓް 2018 12:47

ކ.ހުރައިން ފުރައިގެން ޕެރެޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެއްޖެއެވެ.

"އޯކިޑް 40" ނަމަކަށްކިޔާ 90 ފޫޓުގެ މި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:50 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަޔަރ ފައިޓަރުންގެ ޓީމެއް ލޯންޗު އޮތް ސަރަހައްދަށް ދިއުމަށްޓަކައި ފުރާފައެވެ.

ފަޔަރ ފައިޓަރުންގެ އެހީތެރިކަމާއެކު ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާ، ބެލިބެލުމުގައި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ލޯންޗުގެ އިންޖީނު ރޫމުގައެވެ. މިހާދިސާގައި ލޯންޗުގެ އިންޖީން ރޫމަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން މި ލޯންޗުގައި ތިބި ފަތުރުވެރިން ވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގި އިރު ލޯންޗުގައި ހަތަރު ފަޅުވެރިންގެ އިތުރުން ޓުއަރ ގައިޑަކާއެކު 20 ފަތުރުވެރިން ދަތުރުކުރިއެވެ.