ސަޕްލައި ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
07 އޯގަސްޓް 2018 08:55

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ނަމަކަށް ކިޔާ 98 ފޫޓްގެ ސަޕްލައި ދޯންޏެއް ރީތިބީޗު ރިސޯޓުގެ އިރުދެކުނުން އޮންނަ ބ.ވަންދޫމާފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:55 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑު ލޯންޗެއްގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހުން ތިބިއިރު އޭގެ ތެރޭގައި 3 ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. އަދި، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

މި ދޯނި ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.