ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
29 ޖުލައި 2018 10:06

ކ.ވާދޫ ރިސޯޓު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މި ހާދިސާގެ ރިޕޯޓް ދީފައިވަނީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރަމުން ދިޔަ "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ރޭ 23:00 ހާއިރު އެވެ. އެފަރާތުން މަޢުލޫމާތު ދިން ގޮތުގައި، ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން އެ ސަރަޙައްދުން، ބަންޑުން ޖަހާލާފައިވާ ލޯންޗެއް ފެނިފައެއް ނުވެއެވެ.

ލޯންޗު ބަންޑުން ޖަހާލި ކަމަށް ރިޕޯޓް ލިބިފައިވާ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި މި ލޯންޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

ކޯސްޓްގާޑަށް އެ ލޯންޗު ފެނިފައި ނުވާއިރު، އެއްވެސް އުޅަނދެއް ގެއްލިގެން އެމްއެމްއެންޑީއެފް ކޯސްޓްގާޑަށް މިހާތަނަށް އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.