މަސްބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
26 ޖުލައި 2018 14:21

ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅު ރަށެއް ކައިރީ އޮންނަ ފަރަކަށް މަސްބޯޓެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ ރޭ 23:30 ހާއިރުއެވެ. އަދި، ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ، ގދ.ކާޑެއްދޫ ޕޯސްޓްގެ ސިފައިން ކޯސްޓްގާޑު ހާބަރކްރާފްޓެއްގައި އެ ސަރަޙައްދަށް ގޮސް ވަނީ ހަރަކާތްތެރިވެފައެވެ.

ކޯސްޓްގާޑު ހާބަރކްރާފްޓް އެ ސަރަޙައްދަށް ގޮސް، ބެލިބެލުމުގައި އެ ބޯޓުގައި އެއްވެސް މީހަކު ނެތެވެ. އަދި ބޯޓުގެ އަޑިން 3 ފޫޓްވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް އެ ބޯޓަށް ދަނީ ދިޔަވަމުންނެވެ. މި ބޯޓަކީ ކޮންފަރާތަކުން ރަޖިސްޓްރީކޮށްގެން ދުއްވާ ބޯޓެއްތޯ ބެލުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.