ފަންސާސް މީހުންނާއެކު ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
24 ޖުލައި 2018 12:09

ކ.މާފުށިން ފުރައިން 50 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ ކ.މާފުށީ ފެރީ (ހަނދޭގިރި 2)، ވާދޫ ކަނޑުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:17 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް 104 ނަންބަރު ލޯންޗުގައި ސިފައިން ވަނީ އެސަރަޙައްދަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު، އެ ފެރީގައި އަންހެނުންނާއި ކުޑަކުދިން އަދި 10 ފަތުރުވެރިން ވެސް ތިއްބެވެ. އެ މީހުން މިއަދު ހެނދުނު 10:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި ވަނީ މާލެ ގެނެސްދީފައެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ. އިންޖީނު ހުއްޓުނު ފެރީ ކައިރިއަށް އުޅަނދުގެ ވެރިފަރާތުން ކަފުޖަހާނެ އެހެން އުޅަނދެއް މިހާރު ވަނީ ފޮނުވާފައެވެ.