ދިހަ މީހުންނާއެކީ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވެއްޖެ
23 ޖުލައި 2018 10:57

ލ.ގަސްގަނޑުފިނޮޅާއި ބޮޑުފިނޮޅާ ދޭތެރެއިން 10 މީހުންނާއެކީ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 08:52 ހާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި އާންމުން ވަނީ ބަރެސްދޫއާވީ ސަރަޙައްދުން އެހެން ޑީންގީއެއްގައި އެމީހުންތިބި ސަރަޙައްދަށް ގޮސްފައެވެ. އަދި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗު ވަނީ ޑައިވަރުންނާއެކު ކަނޑުމަގުން އެސަރަޙައްދާ ކައިރިއަށް ގޮސްފައެވެ.

މި ޑިންގީ ބަންޑުން ޖަހާލިއިރު، އޭގައި ބިދޭސީ އަންހެނަކާއި 9 ދިވެހި ފިރިހެނުން ތިއްބެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީގައި ތިބީ އެމްޑަބްލިޔުއެސްސީގެ ސާރވޭ ޓީމެކެވެ.

އަދި، ބަރެސްދޫ ކައިރިން އެ ސަރަޙައްދަށް ދިޔަ އެހެން ޑިންގީއެއްގެ އެހީގައި އެމީހުން ނަގައިގެން އެ ސަރަޙައްދާ ކައިރީގައި އޮތް ލ.މަހަކަންފުށީ ނަމަކަށް ކިޔާ ފަޅު ރަށަކަށް ގެންގޮސް، އެމީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި، މިހާރު އެމީހުން ވަނީ ލ.ގަމަށް ގެންގޮސްފައެވެ.

މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އަދި، ބަންޑުން ޖަހާލި ޑިންގީ އެ ސަރަޙައްދުން ނަގައި ލ.ބަރެސްދޫއަށް ގެންދިޔުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.